ކުރީގެ ސަރުކާރުން ނިންމި ނިންމުމާއެއްގޮތަށް އެކެއް ޖެނުއަރީން ފެށިގެން ފުލުހުންގެ މުސާރަ މިވަގުތު ބޮޑުކޮށްދެވެން ނެތް ކަމަށް އަންގައިފި އެވެ.

ފުލުހުންގެ ހެޑް އޮފް ވޯކް ފޯސް ޕްލޭނިން އެންޑް މެނޭޖްމަންޓް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސުލްތާން އަހްމަދު ބިޝާރު ސޮއިކުރައްވައި މިއަދު ނެރުނު ދެންނެވުމެއްގައި ވަނީ މުސާރަ ބޮޑުކޮށްދެވެން ނެތް ކަމަށް އަންގާފަ އެވެ.

އެ އެންގުމުގައި ވަނީ ދައުލަތުގެ މުސާރަ ސިޔާސަތުގެ ދަށުން އެކުލަވާލާފައިވާ "ދައުލަތުގެ ޕޭ ފްރޭމްވޯކަށް" ފުލުހުންގެ މުސާރަ ބަދަލުކުރަން ނިންމާފައިވާ ނިންމުން ތަންފީޒު ކުރެވެން ނެތީ ދައުލަތުގެ މާލީ ހާލަތު ހުރިގޮތުން ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން އެ އިދާރާއަށް އަންގާފައިވާ ކަމަށެވެ.

ފުލުހުންގެ އެންގުމުގައި ވަނީ މާޗް އެއް ވަނަ ދުވަހުން ފެށިގެން މުސާރަ ބޮޑުކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

ފުލުހުންނާއި ސިފައިންގެ އިތުރުން ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ރައީސް ސޯލިހުގެ ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި އެ ނިންމުމާ އެއްގޮތަށް މުސާރަ ބޮޑުކުރަން ބޭނުންވާ ފައިސާ ވަނީ ދައުލަތުގެ ބަޖެޓްގައި ވެސް ހިމަނާފަ އެވެ.