ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވައުދުވެވަޑައިގަތް ގޮތަށް ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރުކުރަން ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި މިއަދު ބޭއްވި ޕީއެންސީގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހިޔާ ފްލެޓްގައި އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

"ހިޔާ ސަރަހައްދު ނޫނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އަޅުގަނޑުމެން ކުރިއަށް ގެންދަން ނިންމާފައި ހުރި ކަންތަތަކެއް އެބަހުރި. [އެއީ] ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންތައްތައް. އެއް ކަމަކީ، މި ޓަވަރުތަކުގައި އިތުރު ލިފްޓްތަކެއް ހަރުކުރުން. އެކަންތައް ސަރުކާރުން ނިންމާފައިވާ ގޮތަށް މިހާރު އެޗްޑީސީން އެ ވަނީ މަސައްކަތް ފަށައި ބަޔަކާ އެގްރިމަންޓް ހަދައިގެން ލިފްޓްތައް ގެނެސް ލިފްޓްތައް ހަރުކުރުމުގެ މަސައްކަތް ފަށާފައި،" ރައީސް ވިދާޅުވި އެވެ.

ލިފްޓް ހަރުކުރަން ހަވާލުކުރީ ކޮން ކުންފުންޏަކާ ކަމެއް ސަރުކާރުން ހާމަކޮށްފައެއްނުވެ އެވެ. އަދި އެ މަސައްކަތަށް ދާ ހަރަދާއި އެކަމާ ގުޅޭ އިތުރު ތަފްސީލެއް ވެސް ހާމައެއް ނުކުރެ އެވެ.

ރައީސް ވިދާޅުވީ ހިޔާ ސަރަހައްދަށް އަދިވެސް ވަރަށް ގިނަ ކަންކަން ބޭނުންވާ ކަމަށާއި މި ސަރުކާރުން އެކަންކަން ކޮށްދޭނެ ކަމަށެވެ.

ހިޔާ ފްލެޓަކީ މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި އެމަނިކުފާނުގެ މޭސްތިރި ކަމުގެ ދަށުން އެޅި ފްލެޓްތަކެކެވެ. އެއިރު އެތަނުގައި އެކަށީގެންވާ ވަރަށް ލިފްޓް ހަރުނުކުރީ ކީއްވެތޯ ގިނަ ބަޔަކު އަންނަނީ ސުވާލު ކުރަމުންނެވެ.

މިއަދުގެ ކެމްޕޭން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ ކުލި ކުޑަކުރަން ނިންމިކަން އިއުލާން ކުރައްވާފަ އެވެ. އެގޮތުން އަންނަ މަހުން ފެށިގެން 20 ޕަސެންޓަށް އެ ފްލެޓްތަކުގެ ކުލި ކުޑަކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު މިއަދު މިތަނުގައި އިއުލާން ކޮށްލަން ބޭނުން، މި ފުރަތަމަ ފިޔަވަހީގައި ހުރި ހުރިހާ ފްލެޓަކުން އަންނަ މަހުން ފެށިގެން 20 ޕަސެންޓު އަގު ކުޑަވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.