އަންނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހު ލިބޭ ގޮތަށް ދިރާސީ އަހަރު ފަށާ ތާރީހަށް ބަދަލު ގެނެސްފި އެވެ.

ކެބިނެޓްގެ ނިންމުންތަކާ ގުޅޭގޮތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ދިރާސީ އަހަރު ފަށާ ތާރީހު ބަދަލުކުރުމާ ބެހޭގޮތުން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުން ނިންމީ ދެ އަހަރު ތެރޭ އެކަން ކުރާ ގޮތަށް ކަމަށެވެ.

"މި ނިންމުމުގައި 2025 ވަނަ އަހަރު ޑިސެމްބަރު މަހު ބޮޑު ޗުއްޓީ ލިބޭނެ. އެއީ އެންމެ ކުރިން އަޅުގަނޑުމެން ސްކޫލުގައި އުޅުނުއިރު ކަން ހިނގައި ދިޔަ ގޮތަށް،" ނާޒިމް ވިދާޅުވި އެވެ.

އެ ނިންމުމާއެކު 2026 ވަނަ އަހަރުގެ އެކެޑެމިކް ކަލެންޑަރު ފެށިގެން ދާނީ ޖެނުއަރީ މަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކެބިނެޓުން މިއަދު ނިންމި ނިންމުމާއެކު ޖުލައި މަހު ތިން ހަފްތާގެ ޗުއްޓީއެއް އަދި ޑިސެމްބަރު މަހު ހަތަރު ހަފްތާގެ ޗުއްޓީއެއް ދަރިވަރުންނަށް ލިބޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ދިރާސީ އަހަރު ފަށާގޮތް ކުރިން އޮތް އުސޫލަށް ބަދަލުކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދިރާސީ އަހަރު ފެށޭގޮތް ބަދަލުކުރީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ދިވެހިންނަށް އެ މީހުންގެ ދަރިންނާއެކު ޗުއްޓީ ހޭދަކުރުމަށް މަގުފަހިކުރުމުގެ ގޮތުންނެވެ. އެގޮތުން އެ ސަރުކާރުގައި ހަމަޖެއްސީ ރިސޯޓުތަކުގެ އޮފް ސީޒަނާ ގުޅުވައި ޗުއްޓީ ފެށޭގޮތަށެވެ.

އެ ނިންމުމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރީ ސްކޫލް ބަންދު ދުވަސްވަރަކީ އާންމުކޮށް ރާއްޖޭގެ މޫސުން ގޯސްވެ ބޯކޮށް ވާރެހޭ ދުވަސްވަރު ކަމަށްވުމުން އެ ބަދަލުގެ މަގްސަދު ހާސިލުނުވާ ކަމަށް ބުނެ އެވެ.