ރަށްރަށުގައި ދިރިއުޅެން ބޭނުންވާ މީހުންނަށް ގެދޮރު އިމާރާތްކުރުމުގެ މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތައާރަފްކުރި ގެދޮރުވެރިޔާ ލޯނު އެއް މިލިއަން ރުފިޔާއަށް ބޮޑުކުރަން ސަރުކާރުން ނިންމައިފި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާރު ދޫކުރަނީ ގިނަވެގެން ހަތް ލައްކަ ރުފިޔާ އެވެ. އެ އަދަދަށް ލޯނު ދޫކުރަނީ ހަ ޕަސެންޓްގެ އިންޓްރެސްޓް ރޭޓެއްގަ އެވެ. ނަމަވެސް ކެބިނެޓުން މިއަދު ނިންމީ އިންޓްރެސްޓް ރޭޓް ފަސް ޕަސެންޓަށްވުރެ ތިރި ކުރުމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ގެދޮރުވެރިޔާ ލޯނު ބޮޑުކުރުމުގެ އިތުރުން ބޯހިޔާވަހިކަމަށް ހާއްސަ ޓްރަސްޓް ފަންޑެއް ގާއިމްކުރަން ވެސް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ސަރުކާރުން މިފަދަ އިން ނިންމީ ކުރިން ދެމުންގެންދިޔަ އަދަދަށް ލޯނު ނަގައިގެން ރަނގަޅު ފެންވަރެއްގެ ގެއެއް ބިނާކުރަން އުނދަގޫވާ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރި އެވެ. ސަބަބެއް ކަމަށް ބައެއް މީހުން ބުނަމުން ދިޔައީ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވުމުން، އެ މަސައްކަތަށް ކުރަންޖެހޭ ހޭދަ ބޮޑުވުމެވެ.

ގުޅިފަޅާއި ތިލަފުއްޓާއި ހުޅުމާލެއިން ކުރީ ސަރުކާރުން ދިން ގޯތިތަކުގައި ގެދޮރު ބިނާކުރުމަށްޓަކައި ލުއި ލޯނު ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.