ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ނުދެވިހުރި ފައިސާ ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން މިއަދު ފެށި ސިލްސިލާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަނެއްހާ ރުފިޔާ ނުދެވި ހުރި ކަމަށެވެ. އަދި އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ދެފަހަރެއްގެ މަތިން، މިހާތަނަށް 200 މިލިޔަން ރުފިޔާ މަސްވެރިންނަށް ދެ ފަހަރެއްގެ މަތިން ހަވާލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މަސްވެރިއެއް ކަމަށްވާ ހދ. ނޮޅިވަރަންފަރު، ހިޖުރަ، އަބްދުލްޣަނީ ކުރި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ އަދިވެސް މަސްވެރިންނަށް ނުދެވި ގިނަ އަދަދެއްގެ ފައިސާ އެބަހުރި ކަމަށާއި ލޯނެއް ނަގައިގެން ވިޔަސް އެ ފައިސާ ސަރުކާރުން ދޭނެ ކަމަށެވެ.

އެގޮތުން މަސްވެރިންނަށް ދޭންހުރި ފައިސާގެ ޖުމްލަ އަދަދު 270 މިލިއަނަށް އަރާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިފްކޯއިން ލޯނެއް ނަގައިގެން ވިޔަސް، އެ ފައިސާ ވަރަށް އަވަހަށް ހަވާލު ކުރަން އަޅުގަނޑުމެން މަސައްކަތް ކުރަނީ، އިރާދަކުރެއްވިއްޔާ މިކަން ވަރަށް ޔަގީން ކަން އެބަ އޮތް ވަރަށް އަވަހަށް ހައްލުކޮށްދެވޭނެ ކަަމަށް، ހުރިހާ މަސްވެރިންނަށް ދޭން ހުރި ހުރިހާ ފައިސާއެއް ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ހަވާލު ކުރުމަށް މި މަސައްކަތް ކުރަނީ،". ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި ގިނަ ދުވަސްތަކެއް ނުވާނެ ފަދަގޮތަކަށް ކަންކަން އިންތިޒާމް ކުރައްވާނެ ކަމަށެވެ.