ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ސަރުކާރުން ތާއީދު ކުރަނީ ކޮން ކެންޑިޑޭޓަކަށް ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.
ވިިލިނގިލީ ދާއިރާގެ ޕީއެންސީގެ ޕްރައިމަރީން އެންމެ ގިނަ ވޯޓް ހޯދައި ޓިކެޓް ކަށަވަރު ކުރެއްވި ކުރީގެ ޓެކްސް ކޮމިޝަނަރުގެ ކޮށްކޮ ޔަޒްމީދު މުހައްމަދު މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވާފަ އެވެ. ހަމައެންމެ ޔަޒްމީދާ ވާދަކޮށް ބަލިވި އާޒިމް އަބްދުލްއަޒީޒް ވެސް ވަނީ ފޯމު ހުށަހަޅުއްވާފަ އެވެ.
ޕީޕީއެމް، ޕީއެންސީގެ ބޮޑު ޓިމަކާ އެކު ޔަޒްމީދު މިއަދު ފޯމު ހުށަހެޅިއިރު، އާޒިމް ފޯމު ހުށަހެޅިއިރު، އޭނާގެ އަރިހުގައި ތިބީ މަދު ބަޔެކެވެ. އެ މަދު މީހުންގެ ތެރޭގައި ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހީމް ވެސް ހުންނެވި އެވެ. ނާޒިމް ހުންނެވީ އާޒިމްގެ ކެމްޕޭން ޕޯސްޓަރެއް ވެސް ހިފައިގެންނެވެ.
މިއާއެކު ސަރުކާރުގެ ތާއީދު އޮތީ ކޮން ކެންޑިޑޭޓަކަށް ކަމާމެދު މިވަނީ ސުވާލު އުފެދިފަ އެވެ. ޔަޒްމީދަކީ ވިލިނގިލީ ޕީޕީއެމް، ޕީއެންސީގެ މެމްބަރުންގެ ބޮޑު އަގުލަބިއްޔަތަކުން އިންތިހާބުކޮށްފައި ހުރި ކެންޑިޑޭޓެވެ. އެކަމަކު ނާޒިމް މިއަދު އަމަލުކުރެއްވިގޮތުން ގިނަ ބަޔަކު ތިބީ "ވާނުވާ"ގަ އެވެ.
ޕީއެންސީގެ ޓިކެޓް ލިބިފައިވާ ދާއިރާތަކަށް، ސަރުކާރުގެ ނުފޫޒުގަދަ ބަޔަކު އަޑީގައި ތިބެގެން ކެންޑިޑޭޓުން ނެރޭ މައްސަލަތަކެއް ވަނީ ދާދިފަހުން ފެންމަތިވެފަ އެވެ. އެގޮތުން ތިމަރަފުށީ ދާއިރާގެ ޓިކެޓް ޕީޕީއެމްގެ ސެނެޓް މެމްބަރު އިބްރާހީމް ސަނާހަށް ލިބިފައި ވަނިކޮށް، އެ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ އަހްމަދު ރިޔާޒަށް ރައީސް ޑރ. މުހައްމަދު ތާއީދު ކުރައްވަން ނިންމަވާފައިވާ ކަމަށް ވިދާޅުވާ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ.
ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒް އެފަދައިން ވިދާޅުވާ ވީޑިއޯ ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އަހްމަދު ރިޔާޒަކީ ތިމަަރަފުށީ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުﷲ ރިޔާޒްގެ ބޭބެއެވެ.
އެ ވީޑިއޯއިން ފެންނަގޮތުގައި ރަމީޒާއި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު ތިއްބަވަނީ އަބްދުﷲ ރިޔާޒާއި އަހްމަދު ރިޔާޒްގެ އަރިހުގަ އެވެ. އެ ވީޑިއޯގައި މިނިސްޓަރު ރަމީޒް ވިދާޅުވީ މީގެފަހުން ތިމަރަފުށީ ދާއިރާގެ ހުރިހާ ކަމެއް ވެސް ކުރިއަށްދާނީ އަހްމަދު ރިޔާޒްގެ ބެލުމުގެ ދަށުން ކަމަށެވެ.