މަގާމުން ވަކިކުރަން އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅިއިރު ކުރަން ޖެހޭ އެއްވެސް ކަމެއް ނުކޮށް ނޯންނާނެ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަސާސެއް ނެތް ކަމެއްގެ އިލްޒާމް އަޅުވައި އަދަބު ދިނުމަކީ ދުސްތޫރާ ޚިލާފު ކަމެއް ކަމަށެވެ. އަދި މިނިވަން ކޭމް ގެ ބޯޑަށް އަދި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައިވެ އެވެ.

"ކުރަން ޖެހޭ އެއްވެސް ކަމެއް ނުކޮށް ނޯންނާނެ. ގާނޫނަށް ވުރެ މަތީގައި މި ގައުމުގައި ބަޔަކު އުޅެނީތޯ" މަލީހު ސުވާލުކުރައްވާފައިވެ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން އެ މައްސަލަ މަޖިލީހަށް ހުށަހެޅީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.

އާޒިމްގެ ޓުވީޓުގައި ވަނީ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ފަރާތުން އޭނާ މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވާ ކަމަށެވެ. ނަމަވެސް މައްސަލަ ވެއްދީ ކިތައް މެމްބަރުންގެ ސޮޔާއެކުކަން ހާމަކޮށްފައެއް ނުވެ އެވެ.

މީގެ ކުރިންވެސް މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް އެމްޑީޕީން ކުރިއަށްގެންދިޔަ އެވެ.

މަލީހް މަގާމުން ވަކި ކުރަން ފެންނަ ކަމަށް ނިންމައި، އެމްޑީޕީގެ ޕީޖީއަށް މައްސަލަ ހުށަހެޅުއްވީ އެ ޕާޓީގެ 10 މެމްބަރަކު ސޮއި ކުރައްވާފަ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު މި މައްސަލަ ހުށައެޅުމުން، އެމްޑީޕީގެ ޕީޖީއިން ފާސްކުރީ މިނިސްޓަރު މަލީހްގެ އިތުބާރު ނެތް ކަމަށް ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ދެންނެވުމަށެވެ. އަދި ސަރުކާރުގެ ވަޒީރެއްގެ އިތުބާރުނެތް ކަމުގެ މައްސަލަ ވައްދާނަމަ ރައީސުލްޖުމްހޫރިއްޔާއަށް އަންގަވާ އެމަނިކުފާނުގެ ބަހެއް ވެސް ހޯއްދެވުމަށެވެ.