ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންސާފު ލިބެންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ފޭދޫގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ޖަލަށްލީ ސިޔާސީ ލީޑަރެއް ނުހުންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިހާ ދުވަސްވީއިރު، ޔާމީނަށް އިންސާފު ލިބުން ލަސްވުމަކީ ގައުމަށް ހަމަޖެހުން ލިބޭނެ ގޮތެއް ނޫން ކަމަށެވެ. އަދި އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން. ޖަސްޓިސް ޑިލޭޑް އިޒް ޖަސްޓިޒް ޑިނައިޑް. އެހެންވީމާ އެމަނިކުފާނަށް ވެސް އިންސާފު ޖުޑިޝަރީގެ ތެރެއިން ލިބެންވާނެ. އެ ޖުޑިޝަރީ އެ ހިނގަނީ އަޅުގަނޑުމެންގެ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި. އެހެންވީމާ އެމަނިކުފާނަށް ވެސް އިންސާފު ލިބި، ޖަސްޓިސް ސާވް ވުމަކީ މި ގައުމަށް އޮތް އެންމެ އިންސާފުވެރި ގޮތް، އެމަނިކުފާނަށް ވެސް އޮތް އެންމެ އިންސާފުވެރި ގޮތް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ އުންމީދަކީ ޝަރުއީ މަރުހަލާގެ ތެރެއިން ޔާމީނަށް އިންސާފު ލިބިގެންދިޔުން ކަމަށާއި އެކަމަށް ހުރަސް އަޅާނެ އެއްވެސް މީހަކު ސަރުކާރުގައި ނުހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވިއިރު، ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ލިބުނު ލިޔެއް ފިޔަވައި އިތުރު ލުޔެއް އެމަނިކުފާނަށް ނުލިބޭ ކަމަށެވެ.