މަސްވެރިންނަށް ނުދީވާ ފައިސާ މި ސަރުކާރުން ދޭނެކަން މަސްވެރިން ވެސް ގަބޫލުކުރަން އެމަނިކުފާނު އެދޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގދ. ތިނަދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގަސްދުގައި މަސްވެރިންނަށް ފައިސާ ނުދީ މި ސަރުކާރުން ނޯންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން މަސްވެރިންނަށް 442 މިލިއަން ރުފިޔާ ދީފައިވާ ކަމަށާއި އިތުރަށް ފައިސާ ދެވެން އޮތް ވަރަކުން މަސްވެރިންނަށް ފައިސާ ދޭނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވެސް ދެމުންދާނީ. މިކަމުގައި އަޅުގަނޑު އެދެނީ މަސްވެރިން ވެސް އެކަން ގަބޫލުކުރެއްވުމަށް. އެއްވެސް ހާލަތެއްގައި އަޅުގަނޑުމެންގެ އަތުގައި ދެވެން ހުރި ފައިސާ ގަސްދުގައި ނުދީ އުޅެނީއެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ކޫއްޑޫގައި މިހާރު ކުރަމުންދާ މުޒާހަރާތައް ހޫނުވެ، ކަރަންޓް ކަނޑާލާނެ ކަމުގެ އިންޒާރު ވެސް ބައެއް މަސްވެރިން ވަނީ ދީފަ އެވެ. އެކަމަށް އިޝާރާތް ކުރައްވައި ރައީސް ވަނީ އެކަން އެގޮތަށް ނުކުރުމަށް އެދިވަޑައިގެންފަ އެވެ.

މީގެއިތުރުން މަސްވެރިންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަން އެމަނިކުފާނު ތައްޔާރު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑު އެދެނީ އިތުރަށް އަނެއްކާ ވެސް މަޝްވަރާ ކުރައްވަން. އަޅުގަނޑު ވެސް މި ހުރީ ތައްޔާރަށް އަޅުގަނޑާ ބައްދަލުކުރަން ބޭނުންފުޅިއްޔާ. އަޅުގަނޑު ވެސް މި ހުރީ މިރޭ ވިޔަސް މާދަން ވިޔަސް މަޝްވަރާ ކުރަން ތައްޔާރަށް. އެހެންވީމާ މަޝްވަރާ ކުރެވިގެން، ވާހަކަ ދެއްކެވިގެން ރިވެތި އުސޫލުން ކަންކަން ކުރީމާ ކަންކަން ވާނީ،" ރައީސް ވިދާޅުވި އެވެ.