މި ސަރުކާރުން ކުރިން ވެސް ބުނިފަދައިން އަންނަ މަހު ފުލުހުންނާ ސިފައިންގެ މުސާރަ ބޮޑުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންނާ ސީދާ ރައީސް މުއިއްޒާ ސުވާލު ކުރެވޭގޮތަށް މިރޭ ބޭއްވި "އަހާ" ފޯރަމްގައި މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ މާޗް މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ޖެނުއަރީން ފެށިގެން ސިފައިންނާއި ފުލުހުން ހިމެނޭހެން ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމެވިކަން އިއުލާން ކުރައްވާފަ އެވެ. ނަމަވެސް ވެރިކަން ބަދަލުވުމުން، މި ސަރުކާރުން ވަނީ އެ ނިންމުން ތަންފީޒު ކުރެވެން ނެތް ކަމަށް ބުނެފަ އެވެ.

ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރެވޭނީ މާޗް މަހުން ފެށިގެން ކަމަށް ފިނޭންސް މިނިސްޓްރީން މީގެކުރިން ވަނީ ބުނެފަ އެވެ.

ރިޔާސީ ކެމްޕޭންގައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ސިފައިންނާއި ފުލުހުންގެ މުސާރަ 2024 ވަނަ އަހަރު 35 ޕަސެންޓް ބޮޑުކޮށް، 2025 ވަނަ އަހަރު 25 ޕަސެންޓް އަދި 2028 ވަނަ އަހަރު 30 ޕަސެންޓް ބޮޑުކޮށް، މުސާރަ ދެ ގުނަ ކުރައްވާނެ ކަމަށެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ނިންމާފައިވާ ނިންމުމުގައިވާގޮތުން ކޮންސްޓަބަލް ރޭންކުގެ ފުލުހެއްގެ މުސާރަ 11،000ރ. އިން 15،400ރ. އަށް ބޮޑުވާނެ އެވެ. އަދި ސިފައިންގެ ޕްރައިވެޓް ރޭންކުގެ މީހަކަށް 11،500ރ. އިން 16،300ރ. އަށް މުސާރަ ބޮޑު ކުރަން ރައީސް ސޯލިހުގެ ސަރުކާރުން ނިންމި އެވެ.