ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހުގައި ދިމްޔާތުގައި ހުންނެވި ދުވަސްތަކަށް ދައުލަތުގެ ބަޖެޓުން މިލިއަނުން ހަރަދު ކުރި ކަމަށް ދެކެވެމުން އަންނަ ވާހަކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދޮގު ކުރައްވައިފި އެވެ.

ރައީސް އޮފީހުން ސިލްސިލާ ގޮތެއްގައި ގެނެސްދެމުން އަންނަ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓްގައި ށ.ފުނަދޫ، ނީލްވިލާ، އާމިނަތު ނަޖްމާ ކުރި ސުވާލުގައި ބުނެފައި ވަނީ ރައީސް ދެކަނބަލުންގެ ފަރިއްކޮޅަށާއި އަމިއްލަފުޅު ގޭގެ ހަރަދަށް ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ހޭދަ ކުރި ކަމުގެ އަޑުތައް އިވިފައިވާ ކަމަށެވެ.

އެގޮތުން ކެއުމުގެ ހަރަދަށް 30 މިލިއަން ރުފިޔާ އާއި އަމިއްލަ ގެކޮޅުގެ އެކޮމޮޑޭޝަނަށް 25 މިލިއަން ރުފިޔާ ހަރަދު ކުރި ވާހަކައެއް އަޑު އިވިފައިވާތީ އެކަމުގެ ހަގީގަތް ސާފުކޮށް ދިނުމަށް ނަޖްމާ ވަނީ ރައީސް އަރިހު އެދިފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިހާރަކަށް އައިސް ފެނިގެން ދަނީ ހަގީގަތާ ހިލާފަށް ވަރަށް ގިނަ ވާހަކަތަކެއް ދައްކަމުން އަންނަ ތަން ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ގެކޮޅުގައި ހުންނެވި ދުވަސްތަކަށް 25 މިލިއަން ރުފިޔާ ހަރަދު ކުރި ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމުގެ ހުވާ މިދިޔަ ނޮވެމްބަރު 17 ގައި ކުރެއްވި ފަހުން މި މަހުގެ ކުރީކޮޅާ ހަމައަށް ދިރިއުޅުއްވަމުން ގެންދެވީ ދިމްޔާތުގަ އެވެ. މުލިއާގެ މަރާމާތު ކުރުމަށް ފަހު އެ ތަނަށް އެމަނިކުފާނު ބަދަލުވެވަޑައިގެންނެވީ މި މަހުގެ 5 ގަ އެވެ.

"އަޅުގަނޑު ގޭގައި ހުރީ އަޅުގަނޑު އަމިއްލަ ހަރަދުކޮށްގެން. ދައުލަތުގެ އެއްވެސް ރުފިޔާއެއް، އެއްވެސް ހަރަދެއް ނޯންނާނެ ކޮށްފައެއް. އަދި އެއްވެސް ކަމަކަށް ހަރަދެއް ނުކުރުވަން. ގޭގައި ސެކިއުރިޓީން ވެސް ތިބޭ. ހުރިހާ އެންމެން ވެސް ގޭގެ ހަރަދުގައި ބޭތިއްބީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކެއުމަށް ވެސް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައި ނޯންނާނެ ކަމަށެވެ.

"ދައުލަތުން ހަރަދު ކުރާ ގޮތަށް އޮންނަނީ. އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވީ އެއްވެސް ކަމެއްގައި އަޅުގަނޑުގެ އަތުން ނޫނީ އެއްވެސް ހަރަދެއް ނުކުރަން. އެއީ ދުވަހަކު ވެސް ތިކަހަލަ ވާހަކައެއް ބުނަން މީހަކަށް ޗާންސެއް ދޭން ބޭނުން ނުވާތީ." ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ 100 ދުވަހުގެ ތެރޭގައި ކެއުމަށް 30 މިލިއަން ރުފިޔާ ހަރަދު ކުރި ވާހަކައަކީ ވެސް ބުއްދީގެ ހަމަތަކުގެ މަތިން ބަލާއިރުގައި ވެސް ގަބޫލު ކުރެވޭ ވާހަކައެއް ނޫން ކަމަށެވެ. މުލިއާގޭގެ ބަޖެޓުގައި ވެސް ކެއުމުގެ ހަރަދަށް އަހަރަކު އޮންނަނީ ހަތް މިލިއަން ރުފިޔާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ކަންކަން ވަރަށް ހާމަކަން ބޮޑު އަދި ދެފުށް ފެންނަ ގޮތަކަށް ހިނގަމުންދާ އިރުގައި އެކަހަލަ ކަންކަމުގައި އިދިކޮޅު ފަރާތްތަކުން ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. އެހެންވެ އިދިކޮޅު ފަރާތްތަކުން މިހާރު މަސައްކަތް ކުރަނީ ހަދަ ހަދައިގެން ހުސް ދޮގު ވާހަކަ ދައްކަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.