ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކީގައި ހުންނެވީ އެއްވެސް ކަމެއް ބޭނުންވެގެން ނޫން ކަމަށާއި އެމަނިކުފާނުގެ އަރިހުން ރަށެއް ނޫނީ ފަޅު ރަށެއް ވެސް ބޭނުންވެގެން ދޭން އެދިވަޑައިނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދ. މީދު އަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ޖަލްސާގައި ސިޔާމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން މިހާތަނަށް އައިއިރު އެއްވެސް ކަމެއްގައި އެދިވަޑައިގެންފައި ނުވާނެ ކަމަށެވެ. އަދި ރައީސް އާ އެކުގައި އެމްޑީއޭ އާއި އޭނާ ހުންނެވީ ރާއްޖެ ތަރައްގީ ކުރުމަށް ކަމަށާއި އިތުރު އެއްވެސް ބޭނުމެއް އެކަމުގައި ނެތް ކަމަށް ސިޔާމް ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑު އެމްޑީއޭގައި ރައީސުލްޖުމްހޫރިއްޔާއާ އެކު މިހުރީ، ދިވެހި ރާއްޖޭގެ ރައްޔިތުން ބޭނުންވާ ތަރައްގީ ކުރުމަށްޓަކައި. އެނޫން އެއްވެސް ބޭނުމެއް އަޅުގަނޑުމެންގެ ނެތް،" ސިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ ކައިރިއަށް ގޮސް ނާހާނަން އަޅުގަނޑަށް ކަމެއް ކޮށްދޭކަށް، ރަށެއް ދޭކަށް، ފަޅެއް ދޭކަށް، އެހެން ކަމެއް ކޮށްދޭކަށް،"

ސިޔާމް ވަނީ މި ޖަލްސާގައި ރައީސް ޑރ. މުއިއްޒަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ. އަދި މި ގައުމުގެ ކަންކަމައިގެން ކުރިއަށް ގެންދިއުމުގައި ރައީސް މުއިއްޒަށް އެއްބާރުލުން ދިނުމުގެ މުހިންމު ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ސިޔާމް ވިދާޅުވި ގޮތުގައި ރައީސް ޑރ. މުއިއްޒުގެ ގާތުގައި ކަމަކު ބޭނުންވެގެން އޭނާ އަހާކަށް ނުޖެހެ އެވެ.

"އެއަށް ވުރެ ގިނައިން ﷲ ދެއްވާފައި އޮތީ އަޅުގަނޑަށް. އެހެންވީމާ މީހެއް ކައިރީ އެއްޗެއް އާހަކަށް އަޅުގަނޑަކަށް ނުޖެހޭ." ސިޔާމް ވިދާޅުވި އެވެ.

ރައީސް ވެވަޑައިގެންފައި ވަނީ "ފްލޯކް ވައުދުތަކެއް ނޫން" ކަމަށާއި އެ ވައުދުތައް އެެމަނިކުފާނު ފުއްދަވާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އެއްވެސް ޝައްކެއް ނެތް، ރާއްޖޭގެ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ކުރިއަށް އޮތް ތަނުގައި ވާނެކަމުގެ. އަޅުގަނޑުމެންނަށް އެބަ އެނގޭ ލާރި ހޯދާނެ ގޮތް ވެސް. ރައީސުލްޖުމްހޫރިއްޔާ އެކަން ކުރައްވަމުން އެ ގެންދަވަނީ. ރައީސުލްޖުމްހޫރިއްޔާއަށް ލާރި ދެއްވާނެ ބޭފުޅުން އެބަ ތިއްބެވި،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން އެއްވެސް ގައުމަކާ ޖައްސާލައިގެން ނޫޅޭ ކަމަށެވެ. ރައީސް މުއިއްޒަކީ އިންޑިއާ އާ ވެސް ޖައްސާލައްވާނެ ބޭފުޅެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.