ކޮލަމްބޯ (މެއި 3) - ސްރީ ލަންކާގެ މައި އެއާޕޯޓުގައި އޮން-އެރައިވަލް ވިސާ ދޫކުރަން އިންޑިއާ ބަޔަކު ތިބުމުން އެކަމުގެ ކަންބޮޑުވުން އެތައް ބަޔަކު ފާޅުކޮށްފި އެވެ.

ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުގައި ވިސާ ދޫކުރަން އިންޑިއާ ކުންފުންޏަކާ ހަވާލު ކުރުމުން އެ ކުންފުނިން ވަނީ ކޮންމެ ވިސާއަކަށް އިތުރަށް 25 ޑޮލަރު ޗާޖުކުރަން ފަށައިފަ އެވެ. އަދި ވިސާއާ ނުލައި ލަންކާ އަށް ދަތުރުކުރެވޭ ގައުމުތަކުގެ މީހުންގެ އަތުން ވެސް މި ފައިސާ ނަގަމުންދާތީ ލަންކާ އެއާޕޯޓުގައި އިހަށްރޭ ވަނީ ބޮޑު ހައިޖާނުގަނޑެއް ހިންގައިފަ އެވެ.

ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯއަކުން ފެންނަ ގޮތުގައި ވިސާ ކިޔޫގައި ހުރި ލަންކާ މީހަކު ވަނީ، އޭނާގެ އަންހެނުންނަށް ވިސާ ދޫކުރަން ދެކޮޅު ހެދުމުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އޭނާ އަޑު ހަރުކޮށް ގޮވަމުން ދިޔައީ ލަންކާ އަށް އެތެރެވާން ޖެހޭ މީހުންނާއި އެތެރެނުވެވޭ މީހުން އިންޑިއާ އަށް ކަނޑަނޭޅޭނެ ކަމަށެވެ. އަދި އޭނާ އާއި އޭނާގެ އަންހެނުންނަށް ލަންކާ އަށް އެތެރެވުމުގެ ހައްގު އޮންނަން ޖެހޭނެ ކަމަށް ގޮވަމުން ދިޔަ އެވެ. އެ މީހާ ބުނި ގޮތުގައި އޭނާ އަކީ ޓެކްސްގެ ގޮތުގައި ކޮންމެ އަހަރަކު ހަތަރު މިލިއަން ރުޕީސް ސަރުކާރަށް ދައްކާ މީހެކެވެ.

އޭނާ ތުހުމަތު ކުރި ގޮތުގައި ވިސާގެ ކަންތައް ކޮށްދޭނެ ލަންކާގެ އެތައް ކުންފުންޏެއް ތިބި ނަމަވެސް ސަރުކާރުން ވަނީ ވިސާ ދޫކުރުން އިންޑިއާ ކުންފުންޏަކަށް ވިއްކާލާފައި ކަމަށެވެ. ބައެއް މީހުން ބުނި ގޮތުގައި ވިސާގެ އިންތިޒާރުގައި ދެތިން ގަޑިއިރު ކިޔޫގައި ތިބެން ޖެހުނު ކަމަށެވެ.

މި މައްސަލަ ގަނޑު ބޮޑުވުން ލަންކާގެ އިމިގްރޭޝަންގެ އޮފިޝަލަކު ވަނީ ވިސާ ކަންތައް މިހާރު އަލުން ލަންކާގެ އިމިގްރޭޝަނަށް ނަގާފައިވާ ކަމަށެވެ.