ރާއްޖޭގެ އުޅޭ ބިދޭސީންގެ ތެރެއިން މިހާތަނަށް 500 އަށްވުރެ ގިނަ މީހުންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފި އެވެ.

މިއީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފޮޓޯ އާއި އިނގިލީގެ ނިޝާން ނަގަން ފަށައި، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމަށް މިދިޔަ ހަފުތާގައި ފެށި އޮޕަރޭޝަން "ކުރަނގި"ގެ ދަށުން ކުރަމުން އަންނަ ކަމެކެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވީ ކ. ހިންމަފުށީގައި މި ވަގުތު ހިންގަމުން އަންނަ އޮޕަރޭޝަން "ކުރަނގި"ގެ ދަށުން މިހާތަނަށް އެ ރަށުގައި މަސައްކަތް ކުރަމުން އަންނަ 532 ބިދޭސީ މަސައްކަތްތެރިންގެ ބަޔޮމެޓްރިކް ޑާޓާ ނަގައި އެ މައުލޫމާތު ބަލަހައްޓާ ސިސްޓަމަށް އަޕްލޯޑް ކޮށްފައިވާ ކަމަށެވެ.

އެ މަސައްކަތް ކުރަމުން އަންނަނީ ހޯމް މިނިސްޓްރީ އާއި ފުލުހުންނާއި އިމްގްރޭޝަން ގުޅިގެންނެވެ.

މިނިސްޓަރު ވިދާޅުވީ ވަރަށް އަވަހަށް ރާއްޖޭގެ ފަސް ސަރަހައްދެއްގައި އެއްފަހަރާ އެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި މި މަސައްކަތް ނިމޭއިރު، މައުލޫމާތު ކަށަވަރު ނުވާ އެއްވެސް ބިދޭސީއަކު ރާއްޖޭގައި ނުހުންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ މަސައްކަތް ކުރިއަށްގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެ މަސައްކަތް ތިން އަހަރުން ނިންމުމަކީ އަމާޒެއް ކަމަށް އިހްސާން ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގާނޫނަށް ފެއްތުމަށްޓަކައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2019 ވަނަ އަހަރު ފެށި މަސައްކަތުގެ ތެރެއިން 40،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ރަޖިސްޓްރީކޮށްފަ އެވެ.