ގދ. ގައްދުއިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

ގދ. ގައްދޫ އިން "ހުރިހާ"އާ ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި މިއަދު ޕޮޒިޓިވްވި މީހާއަކީ އިއްޔެ މާލެއިން ރަށަށްގޮސް ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ.

އެރަށުން މައުލޫމާތު ދިން މީހާ ބުނިގޮތުގައި ޕޮޒިޓިވްވި މީހާ މާލެއިން ގައްދުއަށް ދަތުރުކޮށްފައިވަނީ އެޗްޕީއޭއަށް ދޮގު މައުލޫމާތު ދިނުމަށް ފަހު އެވެ.

މި މީހާއަކީ މާލޭގައި ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާ ގެއެއްގައި ހުރުމަށްފަހު، އެޗްޕީއޭއަށް އެގޭގައި ނޫޅޭކަމަށް ސައްހަ ނޫން މައުލޫމާތު ދީ، ފުރުމުގެ ހުއްދަ ހޯދައިގެން ރަށަށް ދިޔަ މީހެކެވެ.

އިއްޔެ އެމީހާ ރަށަށް ދިއުމަށްފަހު ބަލީގެ އަލާމާތުތައް ފެންނަން ފެށުމުން ނެގި ސާމްޕަލްވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ގައްދޫއިން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިހާތަނަށް އޭނައާ ކޮންޓެކްޓްވި ތިން މީހަކު ދެނެގަނެވިފައިވާ ކަމަށް ގައްދޫ ކައުންސިލް މެމްބަރަކު ވިދާޅުވި އެވެ.

ކައުންސިލް މެމްބަރު ވިދާޅުވީ ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ތެރޭގައި ގައްދޫ ސްކޫލްގެ ޓީޗަރެއް ވެސް ހިމެނޭ ކަމަށެވެ.