މާލޭގޭ ގެއަކުން މަރުވެފައި އޮއްވައި ފެނުނީ ގެއްލިގެން ހޯދަމުން ދިޔަ މއ. ބޯޅަކިންކިރިމާގެ، އަހްމަދު އައިމަންކަން ކަށަވަރުކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މާފަންނުގެ ގެއެއްގެ ގްރައުންޑް ފްލޯގައި މީހަކު މަރުވެފައި އޮތްކަމުގެ ރިޕޯޓް ލިބުނީ މިއަދު މެންދުރުފަހު 2:30 ކަންހާއިރު ކަމަށެވެ.

އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައިމަން މަރުވެފައި އޮއްވައި ފެނުނީ ކެނެރީގެ މަގުގައި ހުންނަ ގެއަކުންނެވެ. އެއީ މީހުން ދިރިނޫޅޭ ގެއެއް ކަމަށް މައުލޫމާތު ލިބެ އެވެ.

އައިމަން ދިރިއުއްޓައި އެންމެ ފަހުން ފެނުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 21:30 ހާއިރު، އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވެ އެވެ.

މާފަންނު ގެއަކުން މަރުވެފައި އޮތް މީހަކު ފެނުނު އިރު މިދިޔަ ހަފްތާގެ ހޯމަ ދުވަހު މާލޭ ބަނޑޭރިކޮށީގެ ގެއަކުން 30 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައި އޮއްވާ ވެސް ވަނީ ފެނިފަ އެވެ.

މީގެ އިތުރުން ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވެހިކަލެއްގެ ތެރޭ ބިދޭސީއަކު މަރުވެފައި އޮއްވާ ވެސް މިދިޔަ ހަފްތާ ވަނީ ފެނިފަ އެވެ.