މާލޭގެ މަގަކަށް ފަލަސްތީނުގެ ނަން ދޭއިރު، އެ ނަން ކިޔަން ވާނީ ބޮޑު މަގަކަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

މައުމޫން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނާ ގުޅުވައިގެން މާލޭގެ މަގަކަށް ނަން ކިއުމަކީ ފެނިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި އެ ނަން ކިޔަން ވާނީ އެކަށީގެންވާ ބޮޑު މަގަކަށް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

މާލޭގެ މަގަކަށް ފަލަސްތީނާ ގުޅުވައި "ފަލަސްތީނު ހިނގުން" ކިޔަން މާލެ ސިޓީ ކައުންސިލުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. މާލެ ސިޓީ ކައުންސިލްގެ އިއްޔެ ބައްދަލުވުމުގައި އެގޮތަށް ހުށަހެޅުއްވީ މާލޭގެ މޭޔަރު އާދަމް އާޒިމެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލޭގައި އެއްވެސް ނަމެއް ނުކިޔާ ދެ މަގެއް އޮތް ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ތަނުން މަގަކަށް ނޫނީ އެ ނޫން ވެސް މަގަކަށް "ފަލަސްތީނު ހިނގުން" ކިޔަން ފެނޭތޯ އޭނާ ހުށަހެޅުއްވި އެވެ.

އާޒިމް ވިދާޅުވީ ފަލަސްތީނަކީ ވަރަށް ބޮޑަށް ދިވެހިންގެ ހިތާ ގުޅިފައިވާ ބައެއް ކަމަށެވެ. އެފަދަ ގައުމަކަށް ދިވެހިންގެ އިހްތިރާމް އަދާކުރުމަށް އެގައުމާ ގުޅުވައި މަގަކަށް ނަން ކިއުމަކީ އެދޭ ގޮތެއް ކަމުގައި އާޒިމް ވިދާޅުވި އެވެ.

އާޒިމް އެގޮތަށް ހުށަހެޅުއްވުމުން ކައުންސިލް ބައްދަލުވުމުގައި އެގޮތަށް ފާސްވި އެވެ.

އާޒިމް ވިދާޅުވީ އެ ނަން ކިޔާނެ މަގަކާއި އިތުރު މައުލޫމާތު ފަހުން ހިއްސާކުރައްވާނެ ކަމަށާއި ނަން ކިޔާނީ ރަސްމިއްޔާތަކާ އެކުގައި ކަމަށެވެ.