ކުރިއަރާފައިވާ ޑިޖިޓަލް ޒަމާނަކަށް ސިޑްސް ތައްޔާރުވަމުންދާއިރު ބައިނަލްއަގުވާމީ މުޖުތަމައުން ގުޅިގެން ލިބެންހުރި ފުރުސަތުތައް ހޯދުމަށް މަސައްކަތްކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ރައީސް މިކަމަށް ގޮވާލެއްވީ "ސްމާޓް މޯލްޑިވްސް: ޖާނީ ޓުވާޑްސް އަ ޑިޖިޓަލީ އިންކްލޫސިވް ކޮމިއުނިޓީ" ގައި މިއަދު ތަގްރީރުކުރައްވަމުންނެވެ. މިއީ ސިޑްސްގެ ސައިޑް އިވެންޓެކެވެ. މި އިވެންޓް އިންތިޒާމުކުރީ ހައުސިން މިނިސްޓްރީ އާއި ހޯމް މިނިސްޓްރީންނެވެ.

ރައީސްގެ ތަގްރީރުގައި ރާއްޖެއިން މިހާރު ދަނީ ޑިޖިޓަލް އިކޮނޮމީއަކަށް ބަދަލުކުރުމަށް މަސައްކަތްކުރަމުންކަން ފާހަގަކުރައްވައި މި ބަދަލުގެނައުމުގައި ބައިނަލްއަގްވާމީ މުޖުތަމައުގެ އެއްބާރުލުމާ އެކުގައި މަސައްކަތްކުރުމާއެކު، އިތުރު އިންވެސްޓްމަންޓް ބޭނުންވާކަން ފާހަގަކުރެއްވި އެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވަނީ ރާއްޖެއިން މަސައްކަތްކުރަނީ އައު އީޖާދުތަކާއި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިޔަށްދިއުމަށް ބޭނުންވާ އިންވެސްޓްމަންޓްތަކަށް އަމާޒުކޮށްކަން ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ގާނޫނުތަކާއި ގަވާއިދުތަކަށް ފެތޭގޮތަށް ރާއްޖޭގައި ހަރުދަނާ ކޮންސިއުމާ ޕްރޮޓެކްޝަން ގާނޫނުތަކާއި ގަވާއިދުތައް އެކުލަވާލައި ތަންފީޒުކުރުމަށް ރާއްޖެއަށް ފަންނީ އެހީތެރިކަން ބޭނުންވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ހަމައެހެންމެ އެމަނިކުފާނު ވަނީ ސަރަހައްދީ އަދި ބައިނަލްއަގްވާމީ ސްޓޭންޑާޑްތައް ހަމަޖެއްސުމަށް ކުރިއަށްގެންދާ މަޝްވަރާތަކުގައި ފުރުސަތު ލިބުމާ އަދި ޑިޖިޓަލް އިކޮނޮމީއެއް ބައްޓަންކުރުމަށް ހަމަހަމަ ފުރުސަތު ލިބުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

ރައީސްގެ ވާހަކަފުޅުގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރާއްޖެއިން ހުއްޓުމެއްނެތި އަންނަނީ އާޓިފިޝަލް އިންޓަލިޖެންސް އަދި ބިގް ޑާޓާގެ ޒަމާނަށް ފެތޭގޮތަށް ޑިޖިޓަލް ސިޓިޒަން ބިނާކުރުމަށް މަސައްކަތްކުރަމުންކަން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުންވެސް ރައީސް ވަނީ ދިވެހިރައްޔިތުންގެ މަންފާއަށްޓަކައި އައު ޑިޖިޓަލް ހިދުމަތްތައްވެސް ތަޢާރުފުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފަ އެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ކުރިމަތިވަމުންދާ ހުރަސްތަކާއެކު ވެސް ހުއްޓުމެއްނެތި މަސައްކަތްކޮށް ވިލުންތެރިކަން އިތުރުކޮށް ރާއްޖެއަށް ނަތީޖާ ނެރެވިދާނެކަމާއި އަދި އެ ދަތިތައް ހުރަސްކުރެވިދާނެކަން ބައިނަލްއަގްވާމީ މުޖުތަމައަށް ހާމަކޮށްދެއްވާފަ އެވެ.

އެގޮތުން އުނދަގޫ އޮއިވަރުތަކާއި އަދި ލިބިފައިވާ ވަސީލަތްތަކުގެ މަދުކަމާއި އަދި ދާންވީ ދިމާ ސާފުނުވާ ހާލަތްތަކާވެސް ކުރިމަތިލައި ވިލުންތެރިކަން އިތުރުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ހުއްޓުމެއްނެތް އޮއިވަރާ މި ކުދިކުދި ރަށްތަކުން ކުރިމަތިލާގޮތަށް، އަމިއްލައަށް ކަނޑައަޅާފައިވާ އިންތައް ފަހަނައާ ކުރިޔަށްދާންޖެހޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.