ށ.ކަނޑިތީމު "އުޅިއަށި ބޯޓު" ބިލެތްފަހީ ފަޅަށް ވަންނަނިކޮށް ނެރު ފައިކަށްޓަށް އުރި، އެ ރަށު ފަޅުތެރެއަށް އަޑިއަށް ހިނގައްޖެ އެވެ.

އެމްއެންޑީއެފްއިން ބުނީ "އުޅިއަށި" ބޯޓު ދަތުރުކުރަމުން ދިޔައީ މާލެއިން ފުރައިގެން ށ.އަތޮޅަށެވެ.

މިބޯޓު އަޑިއަށްދާން މެދުވެރިވީ ބޯޓު ށ.ބިލެއްފަހި ނެރުން ވަންނަން އުޅުމުގެ ތެރޭގައި އޮއިވަރެއްގައި ޖެހި ނެރުގެ ހުޅަނގު ފަރާތު ހިލަތަކުގައި ޖެހި ބޯޓު ފަޅައިގެން ގޮސްގެން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެ ބޯޓަށް ދިމާވި ހާދިސާގައި އެހީތެރިވުމަށް ހދ. ކުޅުދުއްފުށީގައި ތިބޭ ސިފައިން ބިލެތްފައްސަށް ދަތުރު ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ބޯޓު އަޑިއަށް ދިޔައިރު ގިނަ އަދަދެއްގެ މުދާ ހުއްޓެވެ. އޭގެ ތެރޭގައި ގޭހާއި، ފިހާރަތަކަށް ބޭނުންވާ މުދަލާއި، އާންމުންގެ ތަކެތި ވެސް ހިމެނެ އެވެ.

ބިލެތްފަހީ ކައުންސިލުން ބުނީ އެ ރަށު ފަޅުތެރޭ އޮތް ބޯޓުން މުދާ ހުސްކުރުމުގެ މަސައްކަތް ރަށުގެ ކުދިބޮޑު އެންމެން ގުޅިގެން ކުރަމުންދާ ކަމަށެވެ.

އުޅިއަށި ބޯޓަކީ އެ އަތޮޅު ފަސް ރަށަށް މާލެއިން މުދާ އުފުލާ 100 ފޫޓުގެ ބޮޑު ބޯޓެކެވެ.