ކޯޕްރަލް ޒައިދާން ނިޔާވެފައި ވަނީ، ސިފައިންގެ ހައި ރިސްކް ތަމްރީނެއް ފުރިހަމަ ކުރަމުން ދަނިކޮށް، ލ. މާވަށް ކައިރީ ކަނޑުގެ ސަރަހައްދުގައި ހިނގި ހާދިސާއެއްގައި، ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ލ. ގަން ރީޖަނަލް ހޮޮސްޕިޓަލްގައި ކަމަށް އެމްއެންޑީއެފް އިން ބުނޭ.

ލ. އަތޮޅުގައި ކުރިއަށް ދިޔަ އެމްއެންޑީއެފްގެ މޫދު ޓްރެއިނިން އެއްގައި އުޅެނިކޮށް މިޔަރެއް ހަމަލާ ދިނުމުން ލިބުނު އަނިޔާތަކަށް ފަރުވާ ދެނިކޮށް ނިޔާވި ކޯޕްރަލް މުހައްމަދު ޒައިދާންގެ ޖަނާޒާ ރަސްމީ އިއްޒަތުގައި މިއަދު ބާއްވައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ޒައިދާންގެ ޖަނާޒާ ބާއްވާފައި ވަނީ ރަސްމީ އިއްޒަތުގެ ދެވަނަ ދަރަޖައިގައި ކަމަށެވެ. މިޖަނާޒާގައި ސިފައިން ހަތް ބަޑީގެ ސަލާމެއް ވަނީ އަރުވާފައި ވެ އެވެ.

ކޯޕްރަލް ޒައިދާންގެ ޖަނާޒާ ކުރިއަށް ގެންގޮސްފައި ވަނީ އޭނާގެ އުފަށް ރަށް ރ. އުނގޫފާރުގައި މިއަދު އަސުރު ނަމާދަށް ފަހު އެވެ.

މި ޖަނާޒާގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑާ ބްރިގޭޑިއާ ޖެނެރަލް އިސްމާއީލް ޝަރީފާއި އެޖުޓަންޓް ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ އިބްރާހީމާއި ކޯސްޓްގާޑްގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމް ބައިވެރިވެ ވަޑައިގެން، އާއިލާއާ ބައްދަލު ކުރައްވައި ތައުޒިޔާ ވިދާޅުވި އެވެ.

ކޯފްރަލް މުހައްމަދު ޒައިދާންގެ ޖަނާޒާ -- އުގޫފާރު.ކޮމްގެ ފޮޓޯއެއް

މި ޖަނާޒާއަށް ފަހު ސަންދޯކުގައި އަޅާފައި އޮތް ދިވެހިރާއްޖޭގެ ގައުމީ ދިދަ، ކޯޕްރަލް މުހައްމަދު ޒައިދާންގެ އާއިލާއާ ވަނީ ހަވާލުކުރި އެވެ.

ކޯޕްރަލް ޒައިދާން ނިޔާވެފައި ވަނީ، ސިފައިންގެ ހައި ރިސްކް ތަމްރީނެއް ފުރިހަމަ ކުރަމުން ދަނިކޮށް، ލ. މާވަށް ކައިރީ ކަނޑުގެ ސަރަހައްދުގައި ހިނގި ހާދިސާއެއްގައި، ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ލ. ގަން ރީޖަނަލް ހޮޮސްޕިޓަލްގައި ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

ކޯޕްރަލް ޒައިދާން ނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، މިއަދުން ފެށިގެން ދެ ދުވަސް ވަންދެން ސިފައިންގެ ދިދަ، ސިފައިންގެ މަރުކަޒުތަކުގައި ވަނީ ބައި ދަނޑިއަށް ތިރިކޮށްފަ އެވެ.