ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ހާލަތުގައި ރިޔާސަތު ބަލަހައްޓަވާނެ މެމްބަރުން މިއަދު ކަނޑައަޅައިފި އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނީ މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ޖުމްލަ ފަސް މެމްބަރުންނެވެ. އަދި އެ މެމްބަރުންގެ ތަރުތީބު ކަނޑައަޅާނީ އެ މެމްބަރުންގެ މެމްބަރުކަމުގެ މުއްދަތަށް އިސްކަން ދީގެންނެވެ.

ގަވައިދުގައިވާ ގޮތުން ދެ މެމްބަރެއްގެ މުއްދަތު ހަމަހަމަވެއްޖެ ނަމަ، އެފަދަ މެމްބަރުން ތަރުތީބު ކުރާނީ މެމްބަރުންގެ އުމުރުގެ ދޮށި ކަމަށް އިސްކަން ދީގެންނެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވަނީ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނެ ފަސް މެމްބަރުންގެ ނަން އިއުލާން ކުރައްވައިފަ އެވެ.

އެ މެމްބަރުންނަކީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އެވެ.

މި މެމްބަރުންގެ ތެރެއިން މެދުނުކެނޑި މަޖިލިހަށް އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވީ ސިޔާމެވެ. އޭނާ ވަނީ 19 އަހަރު މަޖިލިހަށް ހިދުމަތް ކުރައްވައިފަ އެވެ. ގާސިމާއި ސަލީމާއި އަބްދުލްޣަފޫރު ވަނީމެދުނުކެނޑި 15 އަހަރު މަޖިލިހަށް ހިދުމަތް ކުރައްވައިފަ އެވެ. ތޯރިގް ވަނީ މެދުނުކެނޑި 10 އަހަރު ވަންދެން މަޖިލިހަށް ހިދުމަތް ކުރައްވައިފަ އެވެ.