ރާއްޖެ އިން ސައުދީ އަރަބިއްޔާގެ ސަފީރު ކަމަށް އައްޔަން ކުރަން ނިންމައި ރައްޔިތުންގެ މަޖިލިހުގެ ރުހުން ވެސް ލިބުނު މުހައްމަދު ތޯހާ، ޕާކިސްތާނުގެ ސަފީރު ކަމަށް ބަދަލު ކުރަން ނިންމައި އެ މައްސަލަ މަޖިލިހަށް މިއަދު ހުށަހަޅައިފި އެވެ.

ރައީސް ޑރ. މުއިއްޒު މީގެކުރިން ތޯހާ ވަނީ ސައުދީ އަރަބިއްޔާގެ ސަފީރަކަށް އައްޔަން ކުރައްވަން ނިންމަވައި، ރުހުން ހޯއްދެވުމަށް 19 ވަނަ މަޖިލިހަށް ފޮނުއްވައިފަ އެވެ. އަދި ތޯހާގެ ނަން މަޖިލިހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް މަޖިލިހުގެ ތަޅުމަށް ފޮނުވުމުން އެ ނަން މަޖިލިހުން ފާސް ވެސް ކުރި އެވެ.

އެކަމަކު، ރައީސް ޑރ. މުއިއްޒު ވަނީ ތޯހާ ޕާކިސްތާންގެ ސަފީރަކަށް ބަދަލު ކުރައްވަން ނިންމަވައިފަ އެވެ.

އަދި މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ފޮނުވައިފަ އެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ވަނީ ރާއްޖެ އިން ތުރުކީ އަށް ކަނޑައަޅާ ސަފީރަކަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އަބްދުއްލަތީފް އައްޔަން ކުރުމުގެ މައްސަލަ މަޖިލިހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ވެސް ފޮނުވައިފަ އެވެ.