ރައްޔިތުންގެ މަޖިލީހާ ގުޅޭ ތަކެތި ވިއްކަން ސްވެނިއާ ފިހާރައެއް ހުޅުވަން ނިންމައިފި އެވެ.

މަޖިލީހުގެ އިދާރަގެ ކޮމިޔުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު ވިދާޅުވީ ސުވެނިއާ ޝޮޕްތަކަކީ ދުނިޔޭގެ ހުރިހާ ގާނޫނު ހަދާ މަޖިލީސްތަކުގައި ހުންނަ, އަދި އެތަނަށް ޒިޔާރަތްކުރާ މެހުމާނުންނަށް ސުވެނިއާ ގަނެވޭ ގޮތަށް ހަދާފައި ހުންނަ ތަނެއް ކަމަށެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސުވެނިއާ ޝޮޕްގެ މަސައްކަތް ފެށީ މީގެ ތިން އަހަރު ކުރިން 2021 ގައި ކަމަށެވެ. އޭރު ސުވެނިއާ ޝޮޕަށް ބޭނުންވާ ތަކެތި ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން ގެޒެޓުގައި އިއުލާންވެސްކުރިއެވެ. ނަމަވެސް ފަހުން ސުވެނިއާތައް ޑިޒައިންކުރީ މަޖިލީހުގެ ގްރެފިކް ޑިޒައިނަރު ކަމަށް ޒިޔާ ވިދާޅުވި އެވެ.

މަޖިލީހުގެ ޑިޒައިނަރު ލައްވައި އެތަކެތި ޑިޒައިން ކުރީ އިއުލާނާ ގުޅިގެން ހުށަހެޅި ތަކެތީގެ އަގު ބޮޑުކަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސުވެނިއާތަކުގެ ތެރޭގައި ދުނިޔޭގެ އެހެން ގާނޫނު ހަދާ މަޖިލީސްތަކުގެ ސުވެނިއާ ޝޮޕްތަކުގައި ހުންނަ ފަދަ ގަލަމާއި ފޮތާއި ތަށި އަދި ސަމުސަލާއި އޫ ސެޓް ފަދަ ތަކެތި ހިމެނެ އެވެ.

"މި ތަކެއްޗަކީ މެންބަރުންނަށް ދޭން ނުވަތަ މެންބަރުންގެ ބޭނުމަށް ހަދާތަކެއްޗެއްވެސް ނޫން. މިއީ ސުވެނިއާ ޝޮޕަށް ޒިޔާރާތްކުރާ އާންމުންގެ ތެރެއިން އެތަކެތި ބައްލަވައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން ގަތުމަށް ބަހައްޓާފައި ހުންނާނެ ތަކެތި،" ޒިޔާ ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން "ރައްޔިތުންގެ މަޖިލީސް ގަނޑުވަރަކަށް ބަދަލުވަނީ" މި ނަމުގައި މަޖިލީހުގެ ރައީސްގެ ބަދުނާމުވާފަދަ މޭރުކަމުން ރާއްޖެ އެމްވީގައި ގެނެސްދީފައިވާ ރިޕޯޓްގައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު މައުލޫމާތުތަކެއް ކަމަށް ވެސް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ.