"ފަލަސްތީނާއެކު ދިވެހިން" ޓެލަތޯންގައި ދިވެހި އާއިލާއަކުން ފަންޑަށް 50،000ރ. މިއަދު ހަދިޔާކޮށްފި އެވެ.

"ނޫރާން އާއިލާ"ގެ ފަރާތުން ފަލަސްތީނަށް 50،000 ރުފިޔާ ދިން އިރު، މި ފައިސާ ހަވާލުކޮށްދިނީ އެ އާއިލާގައި ހިމެނޭ ކުޑަކުއްޖެކެވެ. އެ ކުއްޖާ ވަނީ ޕީއެސްއެމްގެ ސްޓޫޑިއޯ އަށް ގޮސް ނަގުދު ފައިސާ ހަވާލުކޮށް ދީފަ އެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަަރު ޒީނާ ޒާހިރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ލޯބިލޯބި ކުއްޖާ ހަދިޔާކުރީ އެ އާއިލާގެ ފަރާތުން 50،000 ރުފިޔާ ކަމަށެވެ. އަދި އެފަދަ ނަމޫނާ މަންޒަރު ޓެލެތޯން އިން އަބަދުވެސް ފެންނަމުންދާ ކަމުގައި އޭނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަކަށް ޕީއެސްއެމްގެ އިސް ނެންގުމާ އެކު މީޑިއާތައް ގުޅިގެން ބާއްވާ ޓެލެތޯން މިރޭ 12 ޖަހަންދެން ކުރިއަށްދާނެ އެވެ. ފަލަސްތީނަށް އެހީވާން ބާއްވާ ޓެލެތޯނުގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށި ބަހައްޓާފައިވެ އެވެ.

ފޮށިތައް ކައިރިއަށް ނުދެވޭ މީހުން އޮންލައިންކޮށް ފައިސާ ޖަމާ ކުރެވޭނެ ގޮތް ވަނީ ހަމަޖައްސައިފައެވެ. ދިވެހި ފައިސާ އިން ނަމަ 7730000655865 އެކައުންޓަށް އަދި ޑޮލަރުން ނަމަ 7730000655866 ހަދިޔާކުރެވޭނެ ކަމަށް ޕީއެސްއެމް އިން ބުންޏެވެ.