ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އިއްޔެ ކުރިއަށް ގެންދިޔަ "ފަލަސްތީނާއެކު ދިވެހީން" ޓެލެތޯނުގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ފަރާތުން ފަލަސްތީން ފަންޑަށް 1.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި އެވެ.

ހޯމް މިނިސްޓްރީގެ ދަށުގައި އޮންނަ ފުލުހުން، ކަސްޓަމްސް އަދި އިމިގްރޭޝަނުންގެ ފަރާތުން އެ ފައިސާ ހަވާލުކޮށް ދެއްވީ ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ. މި ފައިސާއާ ހަވާލުވެ ވަޑައިގެންނެވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއަކީ މި ޓެލެތޯންގައި ދެވަނަ އަށް އެންމެ ގިނަ ފައިސާ ހަދިޔާ ކުރި މުއައްސަސާ އެވެ. މި ޓެލެތޯނަށް އެންމެ ގިނަ އިން ފައިސާ ހަދިޔާ ކުރީ ދިވެހި ސިފައިންނެވެ. ސިފައިން ވަނީ 2.1 މިލިއަން ރުފިޔާ ހަދިޔާކޮށްފަ އެވެ.

މި ޓެލެތޯންއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އިދާރާއަކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން އަމިއްލަ ފަރުންދާއި ކުންފުނިތަކުންވެސް މިފަންޑަށް އަންނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ފަލަސްތީނަށް އެހީވުމަށް މާލޭގެ 13 ސަރަހައްދުގައި ފަންޑު ފޮށިތައް ބެހެއްޓި އެވެ. އަދި އޮންލައިންކޮށް ޓްރާންސްފާ ކުރަން ބޭނުން ނަމަ، ދިވެހި ފައިސާއިން 7730000655865 އެކައުންޓަށް އަދި ޑޮލަރުން ނަމަ 7730000655866 އެކައުންޓަށް ޖަމާކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. އެ ފުރުސަތު މިހާރު ވަނީ މިއަދު އިރުއޮއްސި 6 އާ ހަމައަށް ހުޅުވާލައިފަ އެވެ.