ހުޅުމާލޭގައި ރޭ ފަތިހު މާރާމާރީއެއް ހިންގުމަށްފަހު ފިލި މީހަކު ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭ ފިލިގަސް މަގުގައި މާރާމާރީއެއް ހިންގާ ކަމަށް ފަތިހު 4:7 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ މާރާމާރީ ހިންގި ސަރަހައްދަށް ފުލުހުން ދިޔުމުން މާރާމާރީ ހިންގި މީހާ އެ ހިސާބުގައި އޮތް ކާރަކަށް އަރައި ފިލަން މަސައްކަތްކުރުމުން ފުލުހަކު ވަނީ އެ ކާރު ހުއްޓުވަން މަސައްކަތްކޮށްފައި ކަމަށެވެ. އަދި ހުއްޓުވަން މަސައްކަތް ކުރުމުން ފުލުސް މީހާގެ ގައިގައި ކާރުން ޖެއްސުމަށްފަހު ކާރުގައި ތިބި ދެ މީހުން ފިލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"އޭގެތެރެއިން އެކަކު މިހާރު ވަނީ ހައްޔަރުކޮށްފައި. އަނެއްމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.

އެ މާރާމާރީގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.

ރޭ 22:50 ހާއިރު މާލޭގައި ވެސް ވަނީ މާރާމާރީއެއް ހިންގާފަ އެވެ. އެ މާރާމާރީގައި އަނިޔާވި މީހާއަށް ފަރުވާދެމުން އަންނަނީ ސެނެހިޔާ ހޮސްޕިޓަލްގަ އެވެ. އެ މާރާމާރީއާ ގުޅިގެން ޖުމްލަ ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެއިތުރުން މިއަދު މެންދުރު 12:45 ހާއިރު ޝަހީދު އަލީ މިސްކިތް ސަރަހައްދުގައި ވަނީ މާރާމާރީއެއް ހިންގާފަ އެވެ. ފުލުހުން ބުނީ އެ މާރާމާރީގައި ޒަހަމްވި ދެ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށެވެ.