ރާއްޖޭގެ ފަޅު ރަށަކުން ސޯމާލިއާގެ ބަޔަކު މިއަދު ފެނިއްޖެ އެވެ.

ފުލުހުން ބުނީ ނ. އަތޮޅު ވަވަތިއަށް މިއަދުގެ ވަގުތެއްގައި ޑިންގީއެއް ލައްގާފައިވާ ކަމަށް މައުލޫމާތު ލިބިގެން ގޮސް ބެލިއިރުގައި އޭގައި ސޯމާލިއާގެ ތިން މީހަކު ފެނިފައިވާ ކަމަށެވެ. އެއީ ތިން ފިރިހެނުންނެވެ.

ވަވަތިއަކީ ދިގު މުއްދަތަކަށް ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައި އޮތް ރަށެކެވެ. އަދި އެ ރަށް އޮންނަނީ މަޝްހޫރު ވެލާ ރިސޯޓު ކައިރީގަ އެވެ.

އެ ތިން މީހުންގެ ފޮޓޯއަކާއި ޑިންގީގެ ފޮޓޯ އާންމުކޮށްފައިވާ އިރު، ތިން މީހުންގެ ހާލު ވެސް ރަނގަޅެވެ.

ސޯމާލިއާއަކީ ރާއްޖޭގެ ހުޅަނގުން ގާތްގަނޑަކަށް 3,000 ކިލޯމީޓަރު ދުރުމިނުގައި އޮތް ގައުމެކެވެ.

މީގެކުރިން ވެސް ސޯމާލިއާއަށް ނިސްބަތްވާ މީހުން ޑިންގީތަކާ އެކު ރާއްޖެއަށް ލައްގާފައި އެބަހުއްޓެވެ. އެ ގައުމުގެ ކަނޑުގެ ސަރަހައްދަކީ ކަނޑުފޭރޭ މީހުން ގިނަ ބަޔަކު އުޅޭ ސަރަހައްދެކެވެ.