އެކްސްގައި އިސްލާމްދީނަށް ފުރައްސާރަކޮށް ދިވެހި ބަހުން ޖެހި ޕޯސްޓެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

އައިޝަތު ނަޒްހާގެ ނަމުގައި އެކްސްގައި ހެދި އެކައުންޓުން ހައްޖު އަދި އުމްރާގެ އަޅުކަމަށް ފުރައްސާރަކޮށްފަ އެވެ. އެ ޕޯސްޓުގައި ވަނީ "ހިލަގަނޑެއްގެ" ވަށައިގެން ބުރު ޖަހައި އެއަށް ބޮސްދިނުން ވަރިހަމަ ނަމަވެސް، ޔޯގާ ހަރާމް ކަމަށް ބުނެފަ އެވެ.

އެ ޕޯސްޓަށް ކޮމެންޓްކުރި އިތުރު އެކައުންޓަކުން ވެސް ވަނީ އިސްލާމު ދީނަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް ކޮމެންޓްކޮށްފަ އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ ޕޯސްޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

މީގެކުރިން ވެސް ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ތަފާތު ޕޯސްޓުތައް ޝާއިއުކޮށްފައިވެ އެވެ.