ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބަރަހަނާ ފޮޓޯ އަދި ވީޑިއޯއެއްގައި ފެންނަނީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ނޫން ކަމަށާއި އެފަދަ ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާ މީހުންގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ވެރިކަން ކުރާ ޕީއެންސީ/ޕީޕީއެމުން މިރޭ ބުނެފި އެވެ.

ދެ ޕާޓީން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ފަލާހްގެ އަބުރަށް އަރައިގަނެ ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ސޯޝަމް މީޑިއާގައި ފަތުރަމުން ގެންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. ސޯޝަލް މީޑިއާގައި ފަތުރަމުން ގެންދާ ވީޑިއޯ އަދި ފޮޓޯތަކަކީ ފަލާހް ނޫން ކަން މީގެ ދެ އަހަރު ކުރިން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ކަށަވަރުކޮށްދީފައި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި ފޮޓޯއާއެކު ހަގީގަތާ ހިލާފު ދޮގު ހަބަރު ރޭގެ ވަގުތެއްގައި އެންމެ ފުރަތަމަ ފަތުރާފައިވަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރާ ފިތުނަ އުފެއްދުމުގައި ހައްދުފަހަނައަޅާފައިވާ ހަސަން ކުރުސީ ނަމުގައި ހަދާފައިވާ ފޭކް އެކްސް އެކައުންޓަކުންނެވެ.

"މިނޫންވެސް އިތުރު ފަރާތްތަކުން މި ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ގެންދަނީ ފަތުރަމުންނެވެ." އެ ބަޔާނުގައިވެ އެވެ.

އެހެންކަމުން މިފަދަ ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ދައްކާ އަދި ފިތުނަ އުފައްދަން މަސައްކަތް ކުރާ ފަރާތްތަކުގެ މައްސަލަ ބަލާ ފިޔަވަޅު އަޅަން ޕީއެންސީ/ޕީޕީއެމުން ވަނީ ފުލުހުންނަށް ގޮވާލައިފަ އެވެ.