މީގެ ފަހުން ދެން ދުވަހަކު ވެސް ލޯބީގެ ގޮތުން ފިރިހެނަކާ ގުޅެން ބޭނުންނުވާ ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް ބުނެފި އެވެ.

ބްރިޓްނީ މިހެން ބުނެފައި ވަނީ އޭނާގެ އެންމެ ފަހުގެ ބައިވެރިޔާ ރިޗާޑް ސޮލިޒްއާ ވަކިވުމަށްފަހު އާދީއްތަ ދުވަހުގެ ހަވީރު ކުރި އިންސްޓަގްރާމް ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި ބްރިޓްނީ ބުނެފައިވަނީ މިހާރު އޭނާ ހުރީ ހުސްކޮށް ކަމަށާއި ދެން ދުނިޔޭގައި ދިރިހުރިހާ ދުވަހަކު ފިރިހެނަކާ ނުގުޅޭނެ ކަމަށެވެ.

މީގެ އިތުރުން ވެސް އެ މީހުންގެ ގުޅުމުގައި ރިޗާޑް ބްރިޓްނީއަށް އެކި ފަހަރުމަތިން އިހާނެތިކޮށް ހިތާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެ އެވެ.

އެ ޕޯސްޓަށް ކޮމެންޓް ކުރަމުން ރިޗާޑްގެ ކުރީގެ އަންހެނުން ނިކޯލް މެންސީލާ ބުނެފައި ވަނީ ބްރިޓްނީ ރިޗާޑްއާ ގުޅުނުއިރު އޭނާއަކީ މީހެއްގެ ފިރިއެއް ކަމަށާއި ދެ ދަރިންގެ ބައްޕަ ކަމަށެވެ.

ބްރިޓްނީގެ އެ ޕޯސްޓަށް އާއްމުންގެ ފާޑުކިޔުންތައް އަމާޒުވާން ފެށުމުން ފަހުން އޭނާ ވަނީ އެ ޕޯސްޓުގެ ކެޕްޝަން ބަދަލުކޮށް އެ ތުހުމަތުތައް ނަގާފަ އެވެ.