ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ހޮލީވުޑްގެ ކުރިއަށް އޮތް ތާރީހީ ޑްރާމާ ފިލްމު "ގްލޭޑިއޭޓާ 2"ގެ ޓްރެއިލާ ރިލީޒް ކޮށްފި އެވެ.

ރިޑްލީ ސްކޮޓް ޑައިރެކްޓްކުރާ މި ފިލްމުގެ ލީޑު ތަރިއެއްގެ ގޮތުގައި ފެނިގެންދާނީ ޕައުލް މެސްކަލް އެވެ. ޕައުލްގެ ކެރެކްޓަރަކީ ގްލޭޑިއޭޓާގެ ފުރަތަމަ ފިލްމުން ވެސް ފެނުނު ކުޑަ ކުއްޖާގެ ކެރެކްޓަރު ލުސިއަސް އެވެ.

ހަބަރުތައް ބުނާ ގޮތުގައި ގްލޭޑިއޭޓާ 2އިން ފެނިގެންދާނީ ފުރަަތަމަ ގްލޭޑިއޭޓާ ފިލްމުގައި ހިނގާދިޔަ ކަންތައްތަކުގެ ވިހި އަހަރު ފަހުން ހިނގާ ހާދިސާތަކެކެވެ.

މި ފިލްމުގެ ފުރަތަމަ ޓްރެއިލާ މިހާރު އާއްމުންނަށް ދޫކޮށްލާފައިވާއިރު ގިނަ ބައެއްގެ ތައުރީފު އެޓްރެއިލާއަށް އަންނަނީ ލިބެމުންނެވެ.

"ގްލޭޑިއޭޓާ 2" ސިނަމާތަކަށް އަންނަން ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. ހޮލީވުޑް ރިޕޯޓުތައް ބުނާ ގޮތްގައި އެ ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ލިބޭނެ އެވެ.

2000 ވަނަ އަހަރު ނުކުތް ފިލްމު "ގްލޭޑިއޭޓާ"އަކީ ވެސް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނު އެ ދުވަސްވަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ.