ދުނިޔޭގައި މަދުން ނުފެންނަ ބައްޔެއް ކަމަށްވާ ސްޓިފް ޕާސަންސް ސިންޑްރޯމް ތަހައްމަލު ކުރަމުންދާ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީން ޑިއޯންގެ ހުށައެޅުމެއް ކުރިއަށް އޮތް އޮލިމްޕިކްސްގައި ފެންނާނެ އެވެ.

ބަލިމަޑުކަމުން ކުރިމަތިވާ އުނދަގޫތަކާއި ހުރަސްތަކާއެކު ވެސް ސެލީން ވަނީ މަޑުމަޑުން އާއްމުންގެ ތެރެއަށް ނުކުމެ ކަންކަމުގައި ބައިވެރިވާން ފަށާފަ އެވެ.

އެގޮތުން މިމަހުގެ 26 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ހުށައެޅުމުގެ ޝަރަފުވެރި ފުރުސަތު އޭނާއަށް ވަނީ ލިބިފަ އެވެ.

މި ހުށައެޅުން ވެގެންދާނީ އާއްމުކޮށް ސެލީންގެ ކޮންސެޓުތައް އޮންނަ ދިގުމިނަށް ވުރެ ކުރު އެއް ލަވައިގެ ހުށައެޅުމަކަށް ކަމަށް މައުލޫމާތު ލިބެ އެވެ.

ސްޓިފް ޕާސަން ސިންޑްރޯމްއަކީ މީހާގެ މަސްތަކާއި ނާރުތައް ދުވަހަކަށް ވުރެ ދުވަހެއް ވާންވެ، ހަރަކާތްތެރިވެ އުޅެން ދަތިކުރުވާ ވޭންދެނިވި ނާރުގެ ބައްޔެކެވެ.

ސެލީންއަށް އެ ބަލި ޖެހިފައިވާކަން 2022 ވަނަ އަހަރު އިއުލާން ކުރި ފަހުން ވެސް އޭނާގެ ހާލަތު ދުވަހަކަށް ވުރެ ދުވަހެއް އަންނަނީ ގޯސްވަމުންނެވެ.

ފަރުވާއެއް ހޯދިފައިނުވާ ދާއިމީ ބައްޔަކަށް ފަރުވާ ކުރަމުން ދިޔަ ނަމަވެސް އުމުރުން 56 އަހަރުގެ ސެލީންގެ އުއްމީދަކީ އޭނާގެ މަސައްކަތަށް އެނބުރި އައުން ކަމަށް އޭނާ ބުނެ އެވެ.