"ޓައިޓޭނިކް"އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ކޭޓް ވިންސްލެޓްއަށް ހާއްސަ ޝަރަފެއް ދޭން "ޒޫރިކް ފިލްމު ފެސްޓިވަލް"އިން ނިންމައިފި އެވެ.

ކޭޓް ކުޅުނު މަޝްހޫރު ފިލްމް ޓައިޓޭނިކް ނުކުތީ 1997 ވަނަ އަހަރު އެވެ.

އަންނަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެ އެވޯޑުގެ "ގޯލްޑަން އައިކަން" އެވޯޑު ކޭޓްއަށް ދޭން ނިންމާފައި ވަނީ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.

"ކޭޓްއަކީ މުޅި ދުނިޔޭގައި ވެސް އެފަދަ ދެވަނައެއް ނުވާ ތަރިއެއް. އޭނާގެ ކާމިޔާބު ފިލްމުތަކާއި ތަފާތު މޮޅު ހުނަރަކީ އޭނާއަށް ލިބިފައިވާ ހާއްސަ ކަމެއް،" ޒޫރިކް ފިލްމު ފެސްޓިވަލްގެ އާޓިސްޓިކް ޑައިރެކްޓަރު ކްރިސްޓިއަން ޖަންގެން ބުންޏެވެ.

ގޯލްޑަން އައިކަން އެވޯޑަކީ ސިނަމާ މަސައްކަތްތަކުން މުޅި ދުނިޔޭގެ ސަމާލުކަން ހޯދައި ފާހަގަކޮށްލެވޭ ވަރުގެ ހިދުމަތްތަކެއް ފިލްމީ ދާއިރާއަށް ކޮށްދީފައިވާ ފަރާތްތަކަށް ދެވޭ ޝަރަފެކެވެ.

ކޭޓްއަށް މި ޝަރަފު ދޭން ނިންމާފައިވާއިރު އެ އެވޯޑު ހަފްލާގެ ތެރެއިން އޭނާގެ ކުރިއަށް އޮތް ފިލްމު "ލީ"ގެ ފުރަތަމަ ފެނިލުން ވެސް ފެނިގެންދާނެ އެވެ. 1994 ވަނަ އަހަރު ފިލްމީ ދާއިރާއަށް ވަނީއްސުރެ ކޭޓްއަކީ ތަފާތު ފިލްމުތަކުގައި ހިއްސާވެ އޮސްކާ އެވޯޑު ވެސް ލިބިފައިވާ ކާމިޔާބު ތަރިއެކެވެ.