"އިންޑިއާ ޓުޑޭ ކޮންކްލޭވް-ސައުތު" ގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ޝާހިދު "ނެއިބަހޫޑް ނެވިގޭޝަން: ދަ ކޮމަން ވޯޓާ: އޯލްޑް ޓައިސް، ނިއު ސްޓްރެޓެޖީސް" ސެޝަންގައި ވާހަކަ ދައްކަވާނެ ކަމަށެވެ.

މިނިސްޓަރު ޝާހިދުގެ އިތުރުން މިސެޝަންގައި ސްރީލަންކާގެ ފޮރިން މިނިސްޓަރު ދިނޭޝް ގުނަވަރުދެނަ (ވާޗުއަލްކޮށް) އަދި އިންޑިއާގެ މިނިސްޓަ އޮފް ސްޓޭޓް ފޮ ރޯޑް ޓްރާންސްޕޯޓް އެންޑް ހައިވޭސް، ވިޖޭ ކުމާރު ސިންގް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އިންޑިއާ ޓުޑޭ ކޮންކްލޭވް- ސައުތު އަކީ 2017 ވަނަ އަހަރުން ފެށިގެން ދެކުނު އިންޑިއާގެ ހިސާބުތަކުން އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން އިންޑިއާއަށް ގެނެސްދެވޭނެ ތަރައްގީއާއި ކުރިއެރުމާ ބެހޭގޮތުން ބޭއްވޭ ބައްދަލުވުމެކެވެ.

މި އަހަރު ބޭއްވޭ ކޮންކްލޭވްގެ ހަތަރުވަނަ އެޑިޝަން ބާއްވަނީ ޗެންނާއީގައެވެ. މިބައްދަލުވުމުގައި އެކިއެކި ދާއިރާތަކުން ބޭފުޅުން ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ. މައިގަނޑު ގޮތެއްގައި މިބައްދަލުވުމުގައި މަޝްވަރާކުރެވޭނީ ސޯޝިއޯ- ޕޮލިޓިކަލް ގޮތުން ސަރަހައްދަށް އަންނަ ތަރައްގީއާއި ކުރިއެރުމާއި ގުޅޭގޮތުންނެވެ.

މި ކޮންކްލޭވް އިންތިޒާމްކުރަނީ އިންޑިއާގެ މީޑިއާއެއް ކަމަށްވާ އިންޑިއާ ޓުޑޭއިންނެވެ.