އެމެރިކާގެ ފައިޒާ ބަޔޯއެން ޓެކް އަދި ޗައިނާގެ ސައިނޯ ފާމް އިން ކޮވިޑާ ދެކޮޅަށް އުފެއްދި ވެކްސިން އަށް ރާއްޖެއިން ހުއްދަ ދީފި އެވެ.

އެ ދެ ވެކްސިނަށް ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދީފައި ވަނީ ކުއްލި ހާލަތުގައި ބޭނުން ކުރުމަށެވެ.

ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ސައިނޯފާމް ޖަހަން ހުއްދަ ދީފައި ވަނީ 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ޖަހަން ކަމަށެވެ. އަދި ސިނޯ ފާމްގެ 18،000 ޑޯޒް ވެކްސިން މިހާރު ރާއްޖެއަށް ލިބިފައިވާއިރު ކޮވެކްސްގެ ތެރެއިން 5،000 ޑޯޒުގެ ފައިޒާގެ ވެކްސިން ވަނީ ލިބުމުގެ މަގުމަތީގައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތްކުރަނީ ލިބެންހުރި ކޮންމެ ވެކްސިނެއް ރާއްޖެ ގެނެސް ޖަހަން ފެށުން. މިހާލަތުގައި ވަކި ވެކްސިނަކަށް ބަރޯސާވުމަށްވުރެ ރަނގަޅީ ލިބޭ ކޮންމެ ވެކްސިނެއް ޖެހުން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޗްއީއޯސީން މަސައްކަތްކުރަނީ މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ވެކްސިން ޖަހަން ޖެހޭ އެންމެނަށް ޖެހުން ކަމަށެވެ. ނަމަވެސް އެކަން ކުރިޔަށް ގެންދެވޭނީ ވެކްސިން ރާއްޖެއަށް ލިބޭ މިންވަރަކުން ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޗައިނާގެ ސިނޯފާމް ވެކްސިނާއި އެމެރިކާގެ ފައިޒާ ވެކްސިނަށް ހުއްދަ ދިނުމާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެފްޑީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އައިޝަތު މުހައްމަދު. ފޮޓޯ: އެޗްއީއޯސީ

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއެފްޑީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އައިޝަތު މުހައްމަދު ވިދާޅުވީ ރާއްޖޭގައި ސިނޯފާމް ވެކްސިން ދިނުމުގެ އުމުރު ކަނޑައަޅާފައި ވަނީ މިހާރު ވެކްސިންތަކާއި ގުޅިގެން ހަދާފައިވާ ދިރާސާތަކުގެ މައްޗަށް ބެލުމަށްފަހު ކަމަށެވެ.

އޭނާ ވިދާޅުވީ ސިނޯފާމް ވެކްސިނަށް ހުއްދަ ދިނުން ލަސްވީ، އެ ހުއްދަ ދިނުމަށް ބަލަންޖެހޭ ބައެއް މައުލޫމާތު ލިބުން ލަސްވެގެން ކަމަށެވެ. އެހެންނަމަވެސް މިހާރު ވެކްސިންއާއި ގުޅޭ ހުރިހާ މައުލޫމާތެއް ލިބި ވެކްސިން ބޭނުންކުރުމަށް ހުއްދީފައިވާ ކަމަށް ވެސް އައިޝަތު ވިދާޅުވި އެވެ.

އެ ދެ ވެކްސިނަށް ހުއްދަ ދިން ނަމަވެސް، އެ ވެކްސިންތައް ބޭނުންކުރަން ފަށާނެ ވަކި ތާރީޚެއް އެޗްއީއޯސީން ނުބުނެ އެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ވިދާޅުވީ މިހާރު ލިބެމުން އަންނަ ވެކްސިންތައް ބޭނުންކުރުމަށް ރަނގަޅު ޕްލޭންތަކެއް ހެދިފައިވާ ކަމަށެވެ. އަދި ރާއްޖެއިން މަސައްކަތްކުރަނީ ވެކްސިން ދެވެން ތިބި ހުރިހާ މީހުންނަށްވާ މިންވަރަށް ވެކްސިން ހޯދާ ވެކްސިން ދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.