ގދ. މަޑަވެއްޔާ ދިމާލު ބޭރުން ބަންޑުން ޖަހާލި ޑިންގީއަކުން ދަތުރުކުރި ދެ މީހަކު ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ ގދ. މަޑަވެއްޔާ ދިމާލު ބޭރުން ދަތުރުކުރަމުންދިޔަ ޑިންގީއެއް އޮޔާދާ ކަމަށް މިއަދު ހެނދުނު 8:39 ހާއިރު ރިޕޯޓްކުރުމާ ގުޅިގެން ޑީންގީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތުން އެ ޑިންގީ ބަންޑުން ޖަހާލާފައި ވަނިކޮށް މިއަދު ހެނދުނު 11:04 ހާއިރު ފުލުހުންގެ ސާޗް ޓީމަށް ފެނިފައިވާ ކަމަށެވެ.

އެ ޑިންގީގައި ދަތުރުކުރި ދެ މީހުން، ޑިންގީ މަތީގައި ސަލާމަތުން ތިބި ކަމަށާއި އެއީ 40 އަހަރާއި 66 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި މި ދެމީހުންގެ ހާލުވެސް ރަނގަޅެވެ.

މީގެ އިތުރުން، ފުލުހުންނާއި އެމްއެންޑީއެފްގެ ސާޗް ޓީމްތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް، އެމްއެންޑީއެފް ގެ ޓީމަށް ބެހިފައިވާ އިތުރު ޑިންގީއެއް އެ ސަރަހައްދުން ފެނި، އަނބުރާ މަޑަވެއްޔަށް ދިއުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.