ސުޕްރީމް ކޯޓު ހިިންގުން ފަނޑިޔާރު އަބްދުﷲ ހަމީދުއާ ހަވާލުކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިފަދައިން ނިންމީ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާން މަގާމުން ރިޓަޔާ ކުރައްވަން ނިންމެވުމާ ގުޅިގެން މިއަދަކީ އެބޭފުޅާ އެ މަގާމުގައި ހުންނަވާ އެންމެ ފަހު ދުވަސް ކަމަށްވާތީ އެވެ.

މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހު ސުޕްރީމް ކޯޓަށް އައްޔަނުކުރި ހަމީދަކީ އެ ކޯޓަށް އެންމެ ފަހުން އައްޔަނު ކުރި ފަނޑިޔާރެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާވެ ވަޑައިގަތުމަށް މިދިޔަ މެއި މަހު ހުށަހެޅުއްވުމުން މިއަދުން ފެށިގެން މަގާމުން ވަކިވެވަޑައިގަތުމުގެ ފުރުސަތު ދެއްވުމަށް ނިންމީ ޖޭއެސްސީން މިމަހުގެ 17 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގަ އެވެ.

ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރެއްވުމުން އުއްތަމަ ފަނޑިޔާރަށް ކޮންމެ މަހަކު އިނާޔަތްތައް ލިބިވަޑައިގަންނަވާނެ އެވެ.

އުއްތަމަ ފަނޑިޔާރަކަށް ޑިސެމްބަރު 2019 ގައި މުއުތަސިމް އައްޔަން ކުރެއްވުމުގެ ކުރިން 2009 އިން ފެށިގެން އެމަނިކުފާނު ވަނީ ޑިސެމްބަރު 2014 އާ ހަމައަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފަ އެވެ.

އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވަން ހުށަހެޅުއްވީ ދުސްތޫރީ ބޮޑު މައްސަލައެއްގެ ޝަރީއަތް ކުރިއަށް ދަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން ސަސްޕެންޑް ކޮށްފައި ވަނިކޮށެވެ. އެ ބޭފުޅުން މިހާރު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެ މައްސަލާގައި އުއްތަމަ ފަނޑިޔާރާއި ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވި އެވެ.