ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ދާއިރާގެ ގޮނޑިތަކަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓުން ބަލިކޮށް ޕީޕީއެމް ކެންޑިޑޭޓުންނަށް އިންތިހާބު ކާމިޔާބު ކުރެވުނީ ކޮވިޑް-19 އާ ގުޅިގެން އެޅި ފިޔަވަޅުގެ ސަބަބުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ނަތީޖާއާ ގުޅިގެން މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އިންތިހާބުން އެމްޑީޕީ ބަލިވާން ދިމާވި މައިގަނޑު ސަބަބަކީ ކޮވިޑު-19ގެ ސަބަބުން އެޅި ފިޔަވަޅުތަކުގެ ސަބަބުން މާލޭ މީހުންގެ ވިޔަފާރިތަކަށް ގެއްލުންވުމުން ކަމަށެވެ.

އަދި ވިދާޅުވީ އެމްއެމްޕީއާރްސީގެ ތަހުގީގު ނުނިމި ލަސްވުމަކީ ވެސް އެމްޑީޕީ ބަލިވުމުގެ ސަބަބު ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީ ސަޕޯޓަރުންނަކީ ކޮރަޕްޝަނާ އަބަަދުވެސް ދެކޮޅު ބައެއް ކަމަށާއި އަދި ކޮރަޕްޝަންގެ މައްސަލަތައް ނުބެލި ލަސްވާނަމަ އެމްޑީޕީ ސަޕޯޓަރުންގެ ތާއީދު ގެއްލޭނެ ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، މަރުވެފައިވާ އަދި ގެއްލިފައިވާ މީހުންގެ ހަގީގަތް ނުހޯދި ލަސްވުމަކީ ވެސް އެމްޑީޕީގެ ސަޕޯޓަރުން މާޔޫސްވި ކަމެއް ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ އިންތިހާބުގައި ނާކާމިޔާބުވި ކަންތައް ދެނެގަނެ ސަރުކާރުންން ރަނގަޅުކުރަން ޖެހޭ ކަންތައް ރަނގަޅުކުރައްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަންތައްތަކެއް ރަނގަޅުކުރަން ޖެހޭނަމަ އެކަން ވެސް ކުރައްވާނެ ރައީސް ވިދާޅުވި އެވެ.