ލ. މާވަށުގައި ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ތަހުގީގަށް މޫސާ އިބްރާހިމްގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް މާދަމާ ރާއްޖޭން ބޭރަށް ފޮނުވާލާނެ ކަމަށް ފުލުހުން ބުނެފި އެވެ.

މޫސަގެ މަރަށް 9 ދުވަސްވެފައިވާއިރު، މޫސާ މަރާލާފައި ވަނީ މިދިޔަ ހޯމަ ދުވަހު މާވަށު ވޮލީކޯޓު ކައިރީގައި ހިނގި މާރާމާރީއެއްގައި ވަޅިން ހަމަލާދީގެންނެވެ. ވަޅިން ހަމަލާދީ މޫސާ މަރާލާފައި ވަނީ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހީމް, 29 އެވެ.

އާއިލާއިން ވަޅުލަން ބޭނުންވި ނަމަވެސް، ފުލުހުން އޭނާގެ ހަށިގަނޑު ވަޅުނުލައި މާލެ ގެނައީ އިތުރު ތަހުލީލުތައް ކުރުމަށްޓަކަ އެވެ.

އެއާއެކު މިއަދު ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މޫސަގެ ހަށިގަނޑު މާދަމާ ބޭރަށް ފޮނުވާލުމަށް ނިންމާފައިވާކަމަށެވެ.

މޫސަގެ ކަރަށް ވަޅިން ހަމަލާ ދިނުމަށް ފަހު، މުހައްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ދިޔައީ އަމިއްލައަށެވެ. އަދި، އޭނާ މޫސަ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި މޫދަށް އެއްލާލި ސަރަހައްދު ވެސް ފަހުން އޭނާ ވަނީ ފުލުހުންނަށް ދައްކައިފަ އެވެ. އެ ވަޅި ފުލުހުން ނެގީ ފީނައިގެން މޫދު އަޑިންނެވެ.

މި ހާދިސާގައި މަރުވި, މޫސައާއި ވަޅި ހެރި ކަމަށް ތުހުމަތު ކުރެވޭ, މުހައްމަދުއަކީ ވެސް މަސްތުވާތަކެތީގެ ކުށްކުރާ ކަމަށް ތުހުމަތުކުރެވޭ ދެ ޒުވާނުންނެވެ. އޭގެ ތެރެއިން މޫސައަށް ތުހުމަތުކުރަނީ މަސްތުވާތަކެތި ވިއްކާ އެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ކަމަށެވެ. މުހައްމަދަށް ތުހުމަތު ކުރަނީ މަސްތުވާތަކެތި ބޭނުން ކުރާ ކަމަށެވެ.