ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒަށް ފަހު ލުއި ދިނުމާ ގުޅޭ ގޮތުން މިއަދު ގޮތްތަކެއް ނިންމުމަށްފަހު އިއުލާނުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީއިން ބުނީ ވެކްސިނަށްފަހު ދޭނެ ލުއިތައް މިއަދުގެ ވަގުތެއްގައި އިއުލާނުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރައީސް އޮފީހުގައި މިދިޔަ މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ވެސް އެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވެކްސިންގެ ދެ ވަނަ ޑޯޒަށް ފަހު، ކަރަންޓީނުވުމެއް ނެތި ރާއްޖޭގެ އެތެރޭގައި ދަތުރުތައް ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮވިޑް ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެރަށުން އަނެއް ރަށްރަށް ދަތުރުކުރުމުގައި 10 ދުވަހުގެ ކަރަންޓިނުވާ ޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސާފައިވާ އުސޫލުގައިވެ އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފެށީ މިދިޔަ ފެބްރުއަރީ އެކެއްގަ އެވެ. މިހާތަނަށް 273،660 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވެ އެވެ.