އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގެ ދަރިވަރުންގެ ކޯސް ހުއްޓިފައި އޮތުމާ ގުޅިގެން އަނެއްކާ ވެސް އެތަނުގެ ދަރިވަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އޭއޭއޭގެ ދަރިވަރުން ގުޅިގެން އުފައްދާފައިވާ އޭއޭއޭ ޔޫނިއަންއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، 18 މަހުން ފުރިހަމަ ކޮށްދިނުމަށް އެއްބަސްވެފައިވާ ކޯސް ނުނިމި ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވެ، ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުންތައް ކަމާބެހޭ އިދާރާތަކާ ހިއްސާކުރާތާ ހަ މަސް ހޭދަވީއިރު ވެސް، އައްޑޫ ޕްލައިން ސްކޫލުގެ ދަރިވަރުންނަށް ކުރިމަތިވެފައިވާ ދަތި އުނދަގޫތަކަށް މިހާތަނަށް އެއްވެސް ހައްލެއް ލިބިފައިނުވާ ކަމަށެވެ.

މި އޭޕްރީލް އިން ފެށިގެން އެތަނުގައި އުދުހޭނެ އެއްވެސް ބޯޓެއް ނެތްކަމަށް ވެސް އޭއޭއޭ ޔޫނިއަންއިން ވަނީ ބުނެފަ އެވެ.

"ސްކޫލުގެ ފަރާތުން ރަސްމީކޮށް ދަރިވަރުންނަށް އެއްވެސް ސިފައެއްގައި ހުރިހާ ބޯޓުތައް ގްރައުންޑުވި ކަން އަންގާފައިނުވާއިރު މި މައުލޫމާތަކީ ސިވިލް އޭވިއޭޝަނުގެ އޮފިޝަލަކު ދަރިވަރުންނާ ހިއްސާކުރި މައުލޫމާތެއްކަން ފާހަގަ ކުރަމެވެ،" އޭއޭއޭ ޔޫނިއަން ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި އިތުރަށް އޭއޭއޭ ޔޫނިއަނުން ބުނީ، ބޯޓުތައް ގްރައުންޑުވުމަކީ ސްކޫލުގެ އިހުމާލުން ދަރިވަރުންނަށް ލިބެމުންދާ ގެއްކުންތަކުގެ ސިލްސިލާ އަށް އިތުރުވި ބޮޅެއް ކަމަށެވެ. އަދި ފްލައިން ސްކޫލުގެ އިހުމާލުން ދަރިވަރުންނަށް އިއާދަ ނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތައް ވެގެންދާއިރު، އެފަދަ ކަންތައް ތަކުރާރު ވުމުގައި ސްކޫލު ޒިންމާދާރު ކުރުވުމުގެ މަސްއޫލިއްޔަތާ ހަވާލުވެގެންތިބި ފަރާތްތަކުން، އެ ފަރާތްތަކުގެ ޒިންމާ އެންމެ އެކަށީގެންވާގޮތެއްގައި އަދާ ނުކުރާ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ދަރިވަރުންނަށް ދިމާވެފައިވާ ކަންބޮޑުވުންތައް ހިއްސާ ނުކުރާ އިދާރާއެއް މިހާރު މަދުވާނެ އެވެ. އަދި އޭއޭއޭ ސްކޫލް ހިންގާ ފަރާތްތަކުން ދަރިވަރުންނަށް ފުރައްސާރަ ކުރާ މައްސަލަ ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައި އޮންނަތާ މިހާރު ވަނީ ތިން މަސް ވެފަ އެވެ. ޖެންޑާއިން އެ މައްސަލަ ކުރިއަށްދާ ގޮތުގެ މައުލޫމާތު ދަރިވަރުންނާ ހިއްސާއެއް ނުކުރެ އެެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީންއިން މީގެ ކުރިން ބުނެފައިވަނީ އޭއޭއޭގައި ކިޔަވަމުންދާ ދަރިވަރުން ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމަށެވެ. އެކަމާ ގުޅޭ މައުލޫމާތެއް ވެސް މިހާތަނަށް އެ މިނިސްޓްރީއިން ހާމައެއް ނުކުރެ އެވެ.

ދަރިވަރުންނާމެދު އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އަޅަނެ ކަމަށް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެފައިވީ ނަމަވެސް މިހާތަނަށް އެޅުނު ފިޔަވަޅެއް ފެންނާކަށް ނެތެވެ. އޭއޭއޭ ދަރިވަރުންނަށް ދިމާވާ ދަތިތަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ވެސް ގެނެސްފަ އެވެ.