މިދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓް ލިބުނު މީހުންނަށް އެތަންތަން ހަވާލުކޮށް ނިންމަން އާ ތާރީޚްތަކެއް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ދީފި އެވެ.

އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފްލެޓު ލިބުނު މީހުންނަށެވެ. މިދިޔަ އޮކްޓޫބަރު މަހުގެ ކުރީކޮޅުން ފެށިގެން ޓަވަރުގައި ބައެއް މީހުން ވަނީ ދިރިއުޅެން ފަށާފަ އެވެ.

އެ ކުންފުނިން ބުނީ ފްލެޓްތައް ހަވާލުކޮށް ނިމޭނީ ޖެނުއަރީ މަހުގެ ފަހު ހަފްތާގައި ކަމަށެވެ.

ފްލެޓުތައް ހަވާލުކުރެވޭނެ ކަމަށް ލަފާކުރެވޭ ތާރީހުތައް

  • އަމާން އުދަރެސްގެ 11، 12، 13، 15 އަދި 16 ވަނަ ޓަވަރުން ފްލެޓު ލިބުނު މީހުންނަށް ފްލެޓް ހަވާލުކުރެވޭނީ މި މަހުގެ ދެވަނަ ހަފުތާގައި.
  • އަމާން އުދަރެސްގެ 8 ވަނަ ޓަވަރުގެ ފްލެޓުތައް ހަވާލުކުރެވޭނީ ޖެނުއަރީ 3 ވަނަ ހަފުތާގައި.
  • އަމާން އުދަރެސްގެ 1، 2، 3، 4 އަދި 7 ވަނަ ޓަވަރުގެ ފްލެޓުތައް ހަވާލުކުރެވޭނީ ޖެނުއަރީ 4 ވަނަ ހަފުތާގައި.
  • އަމާން އުދަރެސްގެ 5 އަދި 6 ވަނަ ޓަވަރު ހަވާލުކުރެވޭނީ ޖެނުއަރީ 3 ވަނަ ހަފުތާގައި.
  • އަމާން އުދަރެސްގެ 9 އަދި 10 ވަނަ ޓަވަރުގެ ފްލެޓުތައް ހަވާލުކުރެވޭނީ ޖެނުއަރީ 5 ވަނަ ހަފުތާގައި.
  • އަމާން ދޯދި 1، 2، 3، 4، 12، 13، 14 ވަނަ ޓަވަރުގެ ފްލެޓްތައް ހަވާލުކުރެވޭނީ ޖެނުއަރީ މަހުގެ ފަހު ހަފުތާގައި.
  • އަމާން ދޯދި 15 އަދި 16 ވަނަ ޓަވަރު، ޖެނުއަރީ މަހުގެ 2 ވަނަ ހަފުތާގައި.
  • އަމާން ދޯދި 5، 6، 7، 8، 9، 10 އަދި 11 ގެ ޓަވަރުތައް ޖެނުއަރީ ފަހު ހަފުތާގައި ހަވާލުކުރެވޭނެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން އިމާރާތްކޮށްފައި ވަނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓްތަކެކެވެ. މި ސަރުކާރުން ވަނީ ފްލެޓްތަކުގެ ކުލި ބޮޑުކޮށްފަ އެވެ. އެގޮތުން ދެ ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު 8،000ރ. މަހަކު ދައްކަން ޖެހޭއިރު ތިން ކޮޓަރީގެ ފްލެޓަށް މެއިންޓެނަންސް ފީއާ އެކު ދައްކަންޖެހެނީ 11،500ރ. އެވެ.