ރާއްޖޭގައި މިހާރު ގޭންގެއް ނެތް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވާއިރު، ގޭންގު ކުށްތަކުގެ ގާނޫނުގެ ދަށުން ގޭންގު ކަނޑައަޅަން މައްސަލައެއް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގޭންގު ކުށްތަކުގެ ގާނޫނުގެ ދަށުން ފުލުހުންގެ ހައްޔަރުގައި ތިބީ ދެ މީހުންނެވެ.
އެ ގާނޫނުގެ ދަށުން ދެ މައްސަލައެއް ދައުވާކުރަން ފޮނުވާފައިވާއިރު، 6 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެއިތުރުން އެ ގާނޫނުގެ ދަށުން 11 މީހަކު ހައްޔަރުކޮށްފައިވާއިރު، 7 މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޖޮއިންޓް ކްރައިމް އިންވެސްޓްމަންޓުގެ އިސްވެރިޔާ އިސްހާގު އާދަމް ވިދާޅުވީ ގޭންގު ކަނޑައެޅުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލާގައި ކުރަންޖެހޭ ކަންކަން އެ އޮފީހާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
"ގޭންގެއް ކަނޑައެޅުމަށްޓަކައި އެއް މައްސަލައެއް ވާނީ މިހާރު ޕީޖީއަށް ފޮނުވާފައި. އެ މަސައްކަތުގައި ޕީޖީ އޮފީހުން ލަފާދީފައިވާ ކަންކަން މިހާރު މިދަނީ ކުރަމުން. އަދި ގޭންގެއް ކަނޑައެޅުމަށް ޓަކައި ޝަރުތު ހަމަވާ ފަރާތްތައް މިހާރު މިދަނީ ބަލަމުން،" އިސްހާގު ވިދާޅުވި އެވެ. މީގެ އިތުރުން، ގޭންގު ކުށްތަކުގެ ގާނޫނަށް އަމަލުކުރަން ފެށިފަހުން، ހުށަހެޅޭ މައްސަލަތައް "އިންތިހާ"އަށް މަދުވެފައިވާ ކަމަށް އިސްހާގު ވިދާޅުވި އެވެ.
ފުލުހުން މިފަދަ މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވިޔަސް މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި މިހާރު ގޭންގެއް ނެތް ކަމަށެވެ.
ދުވާލަކު 14 ގަޑިއިރު ނިދަން: ޑަކޯޓާ
ދިރާގުން 2026 ވަނަ އަހަރަށް އަގުހުރި އޮފާތަކެއް
ހަމާސްގެ ތަރުޖަމާން އަބޫ އުބައިދާ ޝަހީދުކޮށްލައިފި
