ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި ހާއްސަކޮށްގެން އުފައްދާފައިވާ ސޮވަރިން ޑިވަލޮޕްމެންޓްފަންޑް (އެސްޑީއެފް) އަށް މިއަހަރުގެ މިހާތަނަށް އެއް ބިލިއަން ރުފިޔާ ޖަމާކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ޖޫން މަހުގެ 4 ވަނަ ދުވަހާ ހަމައަށް އެސްޑީއެފްއަށް ޖަމާކުރި ފައިސާގެ ޖުމްލަ އަދަދު ވަނީ 1 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި މި ފަންޑަށް ޖަމާކުރެވިފައިވަނީ 934 މިލިއަން ރުފިޔާ އެވެ.
ދައުލަތުގެ ބަޖެޓުގައި މިއަހަރު އެސްޑީއެފަށް 2.4 ބިލިއަން ރުފިޔާ ޖަމާކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ. މި ފަންޑަށް ފައިސާ ޖަމާކުރަމުންދަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދޭ ހިދުމަތްތަކުގެ އަގަށް ގެނައި ބަދަލުތަކުން ލިބޭ އާމްދަނީ ބޭނުންކޮށްގެންނެވެ.
ސޮވަރިން ފަންޑަކީ ދައުލަތުން ނަގާފައިވާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމަށް ދުރާލައި ތައްޔާރުވުމުގެ ގޮތުން އުފައްދާފައިވާ ފަންޑެކެވެ. އެގޮތުން، ދައުލަތުން ދައްކަންޖެހޭ ސުކޫކުތަކާއި އެހެނިހެން ބޮޑެތި ދަރަނިތަކުގެ ބައެއް މިހާރުވެސް މި ފަންޑު ބޭނުންކޮށްގެން ސަރުކާރުން ވަނީ އަދާކޮށްފަ އެވެ.
މެކްސިކޯ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް
އިޒްރޭލުން އެއްބަސްވުމާ ހިލާފުވެ ހަމަލާދޭތީ މަޝްވަރާ ހުއްޓިއްޖެ