ހުޅުމާލޭ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީއާއެކު ބައެއް އެހެން މުހިންމު ހިދުމަތްތަކެއް، ކޮވިޑްގެ ހާލަތު ގޯސްވަމުން ދާތީ މިއަދުން ފެށިގެން މެދުކަނޑާލަން ނިންމައިފަ އެވެ.

އެ ހޮސްޕިޓަލްގެ ކުރި އިއުލާނުގައިވާ ގޮތުން އެ ހިދުމަތްތަށް މެދުކަނޑާލީީ މުއްދަތެއް ނެތް ގޮތަށެވެ. ޚާއްސަ ބަލިތަކަށް ފަރުވާދޭ ޑޮކްޓަރުންގެ ހިދުމަތް ވެސް ވަނީ މެދުކަނޑާލައިފަ އެވެ.

މުހިންމު ހިދުމަތްތައް ހުއްޓާލި ނަމަވެސް 24 ގަޑިއިރުގެ އިމަޖެންސީ ހިދުމަތްތާއި މިހާރު ރަޖިސްޓަރީ ކޮށްފައި ތިބި މާބަނޑު މީހުންނަށް ދޭ އޭއެންސީ އާއި ޑައިލަސިސް އާއި އޮންކޮލޮޖީ އާއި ކުޑަކުދިންނަށް ވެކްސިން ޖަހައި ދިނުމާއި ލެބޯރެޓަރީ އަދި ރޭޑިއޯލޮޖީ ޑިޕާޓްމަންޓްގެ ހިދުމަތް ކުރިއެކޭ އެއްގޮތަށް ލިބެމުންދާނެ އެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ، އެޑްމިޓް ކޮށްގެން ފަރުވާދެމުންދާ މީހުން ވެސް ވަރަށް ބޮޑަށް އިތުރުވެފައި ވާތީ ހުޅުމާލޭ ހޮސްޕިޓަލު ކޮވިޑް ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ވަކިން ހުންނަ އިމާރާތުގައި ކޮވިޑަށް ފަރުވާދޭއިރު، އެ ތަނުގައި އައިސީޔޫއެއް ވެސް ވަނީ ހަދައިފަ އެވެ. އެ ބައިގައި 120 އެނދު ހުންނާނެ އެވެ. އޭގެ ތެރެއިން 58 އެނދަކީ މިހާރު ވެސް ހޮސްޕިޓަލުގައި ބޭނުންކުރަމުން އަންނަ އެނދެވެ.