ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށްފައިވަނީ އިންޓަނޭޝަނަލް ފްލައިޓު ޖެއްސޭ ފެންވަރަށް ކަމަށާއި އެފަދަ ފްލައިޓުތައް ގެނައުމުގެ މަސައްކަތް ނުކޮށް، އެ އެއާޕޯޓު ބޭއްވުމަކީ ރާއްޖޭގެ އުތުރުގެ ތަރައްގީއަށް ސަރުކާރުން އަޅާ ހުރަހެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މިދިޔަ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ހުޅުވާފައިވަނީ ވައިޑްބޮޑީ އެއާކްރާފްޓަށް އޮޕަރޭޓު ކުރެވޭ ފެންވަރުގައި ނޫން ކަމަށެވެ.
އަމީންގެ ވާހަކަތަކަށް ރައްދު ދެއްވައި އެކްސްގައި ފައްޔާޒު ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ހަނިމާދޫ އެއާޕޯޓް ތަރައްގީކުރީ އިންޓަނޭޝަނަލް ފްލައިޓު ޖެއްސޭ ފެންވަރަށެވެ. ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ ފަސިންޖަރުން އުފުލަނީ ނެރޯބޮޑީ އެއާކްރާފްޓުތަކުގައިކަން ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔޫރަޕާއި، ޗައިނާ އަދި އެހެނިހެން މަންޒިލުތަކުން ވެސް ކަނެކްޓިން ފްލައިޓުތައް މެދުވެރިކޮށް ހަނިމާދުއަށް ފަތުރުވެރިން ގެނެވޭނެ ކަމަށެވެ.
ހަނިމާދޫގައި ވައިޑްބޮޑީ އެއާކްރާފްޓު ޖެއްސުމަށް މިވަގުތު ޑިމާންޑު ނެތް ކަމަށާއި ވައިޑްބޮޑީ އެއާކްރާފްޓް ޖެއްސޭ ވަރަށް އިންވެސްޓު ކުރުމަކީ އިގުތިސޯދީ ގޮތުން ހަމަޖެހޭ ނިންމުމަކަށް ނުވާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
އެނާ ވިދާޅުވީ އެ ޑިމާންޑު އުފެދޭ ދުވަހެއްގައި ރަންވޭ ބޮޑުކުރުމަށް ބިން ހަމަޖެހިފައި އޮންނާނެ ކަމަށެވެ.
"އެ ޕްރޮޖެކްޓު ފެށުމާއެކު ބޮޑު ތިލަދުންމަތީގެ ބިމާއި އިންވެސްޓުމަންޓުގެ އަގު އުފުލުނުއިރު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ބޭނުންނުކޮށް ބޭއްވުމަކީ މި ސަރުކާރުން އުތުރުގެ ތަރައްގީއަށް އަޅަމުންދާ ހުރަހެއް. ފަތުރުވެރިކަން، މަސްވެރިކަން، ލޮޖިސްޓިކްސް އަދި ރިއަލް އެސްޓޭޓް ފަދަ އިގުތިސާދީ ދާއިރާތައް ފުޅާކުރުމަށް އެ އެއާޕޯޓަށް އިންޓަނޭޝަނަލް ފްލައިޓުތައް ގެންނަން ޖެހޭ." ފައްޔާޒު ވިދާޅުވި އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގެ ދަށުން ކުރިއަށްގެންދިޔަ އެ މަޝްރޫއަށް 136.6 މިލިއަން ޑޮލަރު ވަނީ ހޭދަވެފަ އެވެ. 2.46 ކިލޯ މީޓަރުގެ ރަންވޭއަކާއެކު އެއާޕޯޓް ތަރައްގީކުރީ އަހަރަކު 1.3 މިލިއަން ޕަސެންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ.
ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން އެވޯޑު ބީއެމްއެލްއަށް
މިދުވަސްވަރު ގަވައިދުން ސުކޫލަށް ނުދާ 8،000 ކުދިން
