އިސްލާހީ ބަދަލުތަލެއް ކަމަށް ބުނެ ރައީސް މުހައްމަދު މުއިއްޒު އުވާލި މިނިސްޓްރީތަކުގައި ތިބި ސިޔާސީ މުވައްޒަފުން އެކި މިނިސްޓްރީތަކަށް ބަހާލައިފި އެވެ.
ރައީސް މުއިއްޒުގެ އެންގެވުމަށް ކެބިނެޓްގައި ހިމެނިވަޑައިގެންނެވި ގިނަ އަދަދެއްގެ ވަޒީރުން އެއްފަހަރާ އިސްތިއުފާ ދެއްވި އެވެ.
އެއަށްފަހު ބައެއް ބަދަލުތައް ގެނައެވެ. އެގޮތުން ކުރިން އެންވަޔަރަމަންޓާއި ޓޫރިޒަމް އެއް މިނިސްޓްރީއެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް ވަކިވަކިން ދެ މިނިސްޓްރީ އުފެއްދަވައި އާ ވަޒީރުން އައްޔަންކުރެއްވި އެވެ.
ޖެންޑާ މިނިސްޓްރީ އުވާލައި އެ މިނިސްޓްރީގެ މެންޑޭޓްތައް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރެއްވި އެވެ. ލޯކަލް ގަވާމަމެންޓް މިނިސްޓްރީ އުވާލައި އެ މިނިސްޓްރީގެ ދަށުން ހިންގަމުން އައި ކަންކަން ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކުރެއްވި އެވެ.
މީގެއިތުރުން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ އުވާލައި އެ މިނިސްޓްރީގެ މަސައްކަތް އެޑިޔުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރެއްވި އެވެ.
މީގެއިތުރުން އެގްރިކަލްޗާ މިނިސްޓްރީ އުވާލައި އެ މިނިސްޓްރީގެ މަސައްކަތްތައް ފިޝަރީޒް މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކުރައްވާފަ އެވެ.
މި ބަދަލާ ގުޅިގެން ސަރުކާރުގެ އެކި ބޭފުޅުން ވިދާޅުވީ މިއީ ރައީސް މުއިއްޒު ގެންނެވި އިސްލާހީ ހެޔޮ ބަދަލެއް ކަމަށެވެ. މި ބަދަލުގެ ސަބަބުން އެތަކެއް ސިޔާސީ މަގާމްތައް މަދުވެ، ދައުލަތުގެ ހަރަދުތައް އެތައް ގުނައަކުން ކުޑަވެފައިވާ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.
ނަމަވެސް އިސްލާހީ ބަދަލުގެ ޓެގް އަޅުވައިގެން ކުރެއްވީ މުޅިން އެހެން ކަމެއް ކަމަށް "ހުރިހާ"އާ ވާހަކަދެއްކި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވިދާޅުވި އެވެ.
ކެބިނެޓަށް ގެނައި ބަދަލުގެ މުހިންމު ބޭނުމަކީ ރައީސް މުއިއްޒާ ސިޔާސީގޮތުން ވާދަކުރެއްވޭ ބޭފުޅުންގެ ބާރު ދަށްކޮށްލުން ކަމަށް އޭނާ ކިޔައިދިނެވެ.
ވަކި ކުރެއްވި މިނިސްޓަރުންގެ ތެރެއިން އަބްދުﷲ ނާޒިމް އިބްރާހީމް ވަނީ މިނިސްޓަރު ފެންވަރުގައި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ކަމަށް އައްޔަންކުރައްވާފަ އެވެ. އާދަމް ޝަރީފަށް ދެއްވީ ގަތަރުގެ ސަފީރު ކަމެވެ. އަދި ތޯރިގު އިބްރާހީމަށް ދެއްވީ ޔޫއޭއީގެ ސަފީރު ކަމެވެ.
އެ މިނިސްޓްރީތަކުގެ ސިޔާސީ މަގާމްތަކުގައި ތިއްބެވި އެކި ބޭފުޅުން އެކި މިނިސްޓްރީތަކަށް ބަދަލުކުރައްވާފައިވާ ކަމަށް ވެސް ސަރުކާރުގެ އޮފިޝަލް ވިދާޅުވި އެވެ.
"ޖެންޑާ މިނިސްޓްރީގައި ތިއްބެވި ބޭފުޅުން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރެއްވީ. ލޯކަލް ގަވާމެންޓް މިނިސްޓްރީގައި ތިއްބެވި ގިނަ ބޭފުޅުން ހައުސިން މިނިސްޓްރީއަށް. އަދި ބައެއް ބޭފުޅުން އެޑިޔުކޭޝަން މިނިސްޓްރީއަށް ބަދަލުކުރެއްވި،" އޮފިޝަލް ވިދާޅުވި އެވެ.
އެ ސިޔާސީ މުވައްޒަފުން ބަދަލުކުރީ އެ މީހަކު ބޭނުންވި މިނިސްޓްރީއަކަށެވެ.
ބީއެމްއެލް ސްޕްލިޓްޕޭ ތައާރަފްކޮށްފި
ފަހަތުން އަރައި ސެނެގާލް ބަލިކޮށް، ބެލްޖިއަމް ގަދަ 16އަށް
ބޮލީވުޑްގައި އަބީޝޭކްގެ 26 އަހަރު!
