އައްޑޫ ފްލައިން ސްކޫލް، އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގެ ދެ އިސްވެރިޔަކަށް ފިޔަވަޅު އަޅައި، ދަރިވަރުންގެ ލޯނުތަކަށް ލުއި ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އަންގަވައިފި އެވެ.

ފްލައިން ސްކޫލުގެ ހިންގަމުންދާ ގޮތުގެ ސަބަބުން ފްލައިން ސްކޫލްގެ ހިންގުން ދޯދިޔާވެ ދަރިވަރުންނަށް ކޯސް ފުރިހަމަ ނުކުރެވި ކޯސް ދިގު ދަންމާލަމުން ދާތީ އެ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނަތާ މިހާރު ވަނީ އަހަރެއްހާ ދުވަސްވެފަ އެވެ.

ސަރުކާރުން ފްލައިން ސްކޫލުގައި ހުރި މައްސަލަތަށް ހައްލުކުރަން ނޫޅޭ ކަމަށް ބުނެ ދަރިވަރުންނާއި ބެލެނިވެރިންގެ ޝަކުވާތަށް ގިނަވުމުން ރައީސް ސޯލިހު އެ ސްކޫލަށް ފިޔަވަޅު އަޅަން ނިންމީ މިއަދު މެންދުރު އެވެ. އެގޮތުން ފްލައިން ސްކޫލުގެ ހެޑް އޮފް ޕައިލެޓް ޓްރެއިނިން އާއި އެކައުންޓަބަލް މެނޭޖަރާ މެދު ފިޔަވަޅު އެޅުމަށް ރައީސް ވަނީ ސިވިލް އޭވިއޭޝަނަށް އަންގައިފަ އެވެ.

މީގެ އިތުރުން ފްލައިން ސްކޫލުގެ މައްސަލަތައް ދިގުލައިގެން ދިއުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން ފަރާތަކުން އޮޑިޓެއް ހަދައި، މިކަމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވާނަމަ އިހުމާލުވި ފަރާތްތަތާ މެދު ފިޔަވަޅު އެޅުމަށް ވެސް ރައީސް ސޯލިހު ވަނީ އަންގައިފަ އެވެ.

ރައީސް ސޯލިހު ވަނީ އައްޑޫ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް އިން ލޯނު ނަގާފައިވާ ދަރިވަރުންގެ ލޯނު މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް މިނިސްޓްރީ އޮފް ހަޔާ އެޑީއުކޭޝަން އިން ދޫކުރާ ލޯނުތަކަށް ބަދަލުކުރަން، ފިނޭންސް މިނިސްޓްރީއަށް އަންގައިފަ އެވެ.

އޭއޭއޭގައި މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު ފުރުސަތުގައި ކިޔަވަމުންދާ ދަރިވަރުންނާއި، އަމިއްލަ ހަރަދުގައި ކިޔަވަމުންދާ ގިނަ ދަރިވަރުންތަކެއް ވެސް ހިމެނެ އެވެ. އެ ސްކޫލުގައި ކިޔަވާ 150 އަށް ވުރެ ގިނަ ދިވެހި ދަރިވަރުންގެ ތެރޭގައި 90 އަށް ވުރެ ދަރިވަރުން ކިޔަވަނީ ހަޔާ އެޑިއުކޭޝަންގެ ލޯނުގަ އެވެ. ބީއެމްއެލްގެ ލޯނުގައި ކިޔަވާ ކުދިންގެ ލޯނު ހަޔާ އެޑިއުކޭޝަނަށް ބަދަލުކުރާއިރު، އެ ކުދިންގެ ލޯނުގެ އިންޓްރެސްޓްގެ ޒިންމާ ނަގާނީ ހަޔާ އެޑިއުކޭޝަނުންނެވެ.

އެ ސްކޫލުގެ ދަރިވަރުންގެ ކިޔެވުން ދިގުލައިގެން ގޮސް ކޯސް ނުނިމުމުގެ ޝަކުވާ ވެސް އިންތިހާއަށް ބޮޑުވެފަ އެވެ. އެގޮތުން 12-18 މަސް ދުވަހުން ނިމޭ ކޯހެއް، ތިން ހަތަރު އަހަރުވާއިރު ވެސް ނުނިމޭތީ ކުދިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔެވުން ފުރިހަމަ ކުރުމުގައި ހުރި ގޮންޖެހުންތަކަށް ފުރިހަމަ ހައްލެއް ލިބިފައިނުވާތީ، މިނިސްޓްރީގެ މަތީ ތައުލީމާއި ތަމުރީނުގެ ލޯނު ފުރުސަތުގެ ދަށުން އޭއޭއޭގައި މިހާރު ކިޔަވާ 96 ދަރިވަރުންގެ ވެސް ލޯނު އަނބުރާ ދައްކަން ފެށުމުގެ މުއްދަތު، ކޯސް ނިންމޭ މުއްދަތަށް ހެކި ލިބޭނެ ލިޔެކިޔުން ދަރިވަރުން ހުށަހެޅުމުން، ކޯސް ނިންމޭ ތާރީހަކުން ފެށިގެން ހަ މަސްދުވަހަށް ވަނީ އިތުރުކޮށްދޭން ވަނީ ނިންމައިފަ އެވެ.

އޭގެ އިތުރުން ފްލައިން ސްކޫލަށް އިތުރު ދަރިވަރުން އެންރޯލްކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި ރާއްޖެއިން ބޭރުން އެ ސްކޫލުގައި ކިޔަވަން އަންނަ ދަރިވަރުންނަށް ސްޓޫޑެންޓް ވިސާ ދޫކުރުން ވެސް ހުއްޓާލަން އިމިގްރޭޝަނަށް ވަނީ އަންގައިފަ އެވެ.

މިއަށްވުރެ ކުރިން ވެސް ފްލައިން ސްކޫލުގެ އޮޑިޓެއް ސަރުކާރުން ވަނީ ހަދައިފަ އެވެ. ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އެ އެކަޑަމީ އޮޑިޓްކުރުމަށްފަހު 2019 ވަނަ އަހަރުގެ އޭޕްރިލް މަހު އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުވެސްގިނަ މައްސަލަތަކެއް ވަނީ ފާހަގަކޮށްފަ އެވެ.