ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނިކޮށް ފުރާވަޑައިގެންނެވި މައްސަލާގައި އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތް ހުއްޓާލަން އަދި ގާތް ވެސް ނުވާ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު ރާއްޖޭން ބޭރަށް ވަޑައިގަތުމަށް އޭނާގެ ޕާސްޕޯޓް ދޫކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލު ކުރަން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފް މައްސަލަ ބަލައި ނުގަތުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ސުޕްރީމް ކޯޓުން އިއްޔެ ތާއީދުކުރުމާ ގުޅިގެން އޮންލައިން ނޫހަކަށް ޝަމީމު ވަނީ މައުލޫމާތު ދެއްވައިފަ އެވެ.
ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާތީ އެ މައްސަލަ އިތުރަށް ދެން ކުރިއަށް ގެންދެވިދާނެތޯ އެ މީޑިއާއިން ސުވާލު ކުރުމުން ޝަމީމު ވިދާޅުވީ އިންސާފު ހޯދައި ދިނުމަށް ކުރާ މަސައްކަތުގައި އަދި ގޮތް ހުސްވާން ކައިރި ނުވާ ކަމަށެވެ.
"މައްސަލަ ކުރިއަށް ގެންދިއުމަށް އެއް ގޮތް ނެތިއްޔާ ގާނޫނީ އެހެން މަގެއް ވެސް ހޯދޭނެ. ހުއްޓާލާ ގޮތަކަށް ވެސް ނޫން މިހުރީ،" އޭނާ ވިދާޅުވި އެވެ.
ޝަމީމު ވިދާޅުވީ، އަލީ ވަހީދުގެ ފަރާތުން ޖިންސީ ގޯނާ ލިބިފައިވާ ކަމަށް ބުނާ ބަޔަކު ތިބި ކަމަށްވާތީ އެ މީހުންނަށް ވެސް އިންސާފު ލިބެން ޖެހެ އެވެ. އެހެންކަމުން އަލީ ވަހީދުގެ މައްސަލާގައި ދެން އަމަލު ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ މިހާރު ބައްލަވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ އަލީ ވަހީދުގެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަށް އިހްތިރާމު ކުރައްވާ ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލު ކުރުމަށް ހައިކޯޓަށް ހުށަހެޅި އިސްތިއުނާފް މައްސަލަ ބަލައި ނުގަތުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ތާއީދުކޮށްފަ އެވެ.
ހައި ކޯޓުގެ ނިންމުމަށް ސުޕްރީމް ކޯޓުން ތާއިދުކުރަން ނިންމީ، ކްރިމިނަލް ކޯޓުގެ އަމުރު ބާތިލް ކުރުމަށް ދައުލަތުން ހައިކޯޓަށް ހުށަހެޅި ދައުވާ ފޯމުގައި އަލީ ވަހީދުގެ އެޑްރެހާއި އީމެއިލް ކަމަށް ބުނެ ޖަހާފައިވާ އެއްވެސް އެއްޗަކުން އޭނާ އާއި މުއާމަލާތު ކުރެވިފައި ނުވާތީ އާއި އޭނާ އުޅޭ ވަކި ތަނެއް ވެސް ދައުލަތަށް އޮޅުންފިލުވައި ދެވިފައި ނުވާ ކަމަށް ކަނޑައަޅައި ހައިކޯޓުގެ ފަނޑިޔާރުން އިޖުރާއީ ގޮތުން ނިންމި ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެކަން މުރާޖާ ކުރުުމަށްފަހު އެވެ. ސުޕްރީމް ކޯޓުން މައްސަލަ ނިންމީ ޝަރީއަތުގެ މަޖިލީހެއް ބާއްވައިގެން ނޫނެވެ.
ސުޕްރީމް ކޯޓުގެ ނިންމުން ދައުލަތާ ދެކޮޅަށް އައިސްފައި ވަނީ ޖިނާއީ ދައުވާތަކުގައި އައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ކޯޓުން ކުރިން ކޮށްފައިވާ ހުކުމަކާ ހަވާލާ ދިނުމަށް ފަހު އެވެ.
އެ ނިންމުމުގައި ބުނެފައިވަނީ އައިރު ހާޒިރުގައި ޝަރީއަތް ހިންގުމަކީ ދައުވާ ލިބޭ މީހާ އިހްތިޔާރުކުރާ ގާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމުގެ ހައްގާއި އެމީހަކު އިހްތިޔާރު ކުރާ ގާނޫނީ ވަކީލަކާ މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިދިނުމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ހައްގު ގެއްލޭނެ ކަމެއް ކަމަށެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ބާތިލު ކޮށްލުމުން އޭނާ ވަނީ ބޭސް ފަރުވާއަށް ކަމަށް ބުނެ ތުރުކީ އަށް ވަޑައިގެންފަ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާ ފުރަން ނެރުނު އަމުރު ބާތިލުކުރީ އޭނާގެ ސިއްހީ ހާލަތާއި ގުޅޭގޮތުން އޭނާ ހުށައެޅި ލިޔުންތަކެއްގެ މައްޗަށް ބިނާ ކޮށްގެނެވެ.
ދައުވާއަށް ފިލައިގެން އަލީ ވަހީދު ދިއުމުގެ އިހުތިމާލު އޮތް ކަމަށް ދައުލަތުން ބުނުމުން އޭނާއާ ޖާމިނުވާނެ ފަރާތެއް ހުށައަޅާފައިވާ ކަމަަށް ވެސް އެ ކްރިމިނަލް ކޯޓުގެ އަމުރުގައި ވެ އެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު އެ އަމުރު ނެރުއްވީ އަލީ ވަހީދުގެ މައްސަލައަށް އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ ޖާމިނުވުމުންނެވެ.
ޕާސްޕޯޓް ދޫކުރީ ހަތަރު މަހަށް ކަމަށް ކުރިން މީޑިއާގައި ރިޕޯޓް ކޮށްފައިވީ ނަމަވެސް ޕާސްޕޯޓް ދޫކުރަން ނެރުނު އަމުރުގައި ވަކި މުއްދަތެއް ނެތް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފައިވެ އެވެ. ހަތަރު މަސް ކަމަށް ބުނެފައިވަނީ އަސްއަދު ޖާމިނުވެފައިވާ ލިޔުމުގައި ކަމަށްވެސް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފައިވެ އެވެ.
ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓްގެ ވާހަކަތައް ދޮގުކޮށް އަމުރު ބާތިލުކުރުމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެފަ އެވެ.ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރަން އަމުރު ނެރުނު މައްސަލަ ހައިކޯޓްގައި އިސްތިއުނާފް ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ. ދައުލަތުން އެ އަމުރު ބާތިލްކުރަން ހައިކޯޓަށް ހުށަހެޅީ އަމުރު ނެރުނުތާ 48 ގަޑިއިރު ފަހުންނެވެ. އެ މައްސަލަ ހައިކޯޓަށް ބަލައިނުގަތުމަށް ނިންމީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ
އެހާ ހިސާބުން ޕިޖީ އޮފީހުން ވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ބާތިލުކުރި ތާރީހާ މެދު ސުވާލު އުފައްދައިފަ އެވެ. ކްރިމިނަލް ކޯޓުން ނެރުނު ފުރަތަަމަ އަމުރުގައި އަމުރު ބާތިލުކުރީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެދިގެން ކަމަށް ލިޔެވިފައިވާތީ އަލުން އިސްލާހުކޮށް ޕީޖީ އޮފީހަށް ފޮނުވި އަމުރުގައި ޖަހާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 10 ވަަނަ ދުވަހުގެ ތާރީހެވެ.
ރާއްޖެ ދޫކޮށް އަލީ ވަހީދު ފުރާ ވަޑައިގެންނެވީ ފެބްރުއަރީ ނުވަ ވަނަ ދުވަހު އެވެ.
އެކަމާ ގުޅިގެން ޝަމީމު ވިދާޅުވެފައި ވަނީ، އަޑުއެހުން ބާއްވާ އަމުރު އިއުލާނުކުރީ ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހު ކަމަށާ އަމުރު ޕީޖީ އޮފީހަށް ލިބުނީ ފެބްރުއަރީ 11 ވަަނަ ދުވަހު ކަަމަށެވެ. އަމުރުގައި ތާރީހެއް ކަމަށް އޮތީ 10 ފެބްރުއަރީ ކަމަށާ ފުރައިގެން ދިޔަ ކަމަށް ވަނީ އަމުރުގައި އޮތް ތާރީހުގެ ކުރިން ފެބްރުއަރީ ނުވަވަނަ ދުވަހު ކަމަށެވެ. އަދި ޖާމިނު ލިޔުމުގައި އޮތީ ނުވައެއް ފެބްރުއަރީގައި އަމުރު ނެރެފައިވާ ކަމަށެވެ.
މީނަ މީ ޕީޖީގެ މަޤާމަށް ކުފޫހަމަވާ މީހެއްބާއޭ ހިތަށްއަރާ. އެ މަޤާމު ނުލިބިގެން ތެޅިފޮޅުނުއިރު ހީވި މަ ނޫނީ ކިޔަވައިގެން ހުރި މީހަކު ނެތޭ. ޙަމަ ނުލަފާކަން. ކަންފަތަށް ބަލާލީމަވެސް ޢެގޭނެ އޭނައަށް އަޑު އަހާ އަޑުއިވޭ މިންވަރު.