ކުރީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ކުރިޔަށްދާ ތަހުގީގާއި އެންމެހާ ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުން އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އައްބާސް ފާއިޒް ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން ބުނީ މޭ މަހުގެ ހަ ވަނަ ދުވަހުގެ ހަމަލާޔާގުޅޭ އެންމެހައި ތަހުގީގެއްގައި ރައީސް ސޯލިހުގެ ހާއްސަ މަންދޫބުގެ ހައިސިއްޔަތުން ޕްރޮސެކިއުޓަރު ޖެނެރަލް ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި މި މައްސަލައިގައި އިންސާފު ގާއިމުކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި ތައްޔާރު ކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއް ވެސް އޭނާ ތައްޔާރު ކުރައްވާނެ ކަމަށެވެ.
އައްބާސް ފާއިޒް މަސައްކަތްކުރެއްވުމަށް ހަމަޖެހިފައިވަނީ ރައީސް އޮފީހުގަ އެވެ. އަދި މިހާރުން ފެށިގެން މި ހަމަލާޔާ ގުޅޭ އެންމެހާ ތަހުގީގެއް ނިމި ތުހުމަތު ކުރެވޭ މީހުނާ މެދު ޝަރީއަތް ކުރެވި ނިހާއީ ހުކުމަކާ ހަމަޔަށް ވާސިލްވަންދެން އައްބާސް ފާއިޒް މަސައްކަތުގައި ދެމިހުންނަވާނެ އެވެ.
އެމްޑީޕީއާ އެކު ހާއްސަ ގުޅުންތަކެއް އޮތް އައްބާސް ފާއިޒަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖްތިމާއީ ސަޤާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރެއްވި ކަމާ ގުޅޭ މާހިރެކެވެ.
އަދި އޭނާއަކީ ދެކުނު އޭޝިޔާ ބައްރުގެ ގައުމުތަކުގައި އިންސާނީ ހައްގުތައް ކުރިއެރުވުމުގެ މަސައްކަތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވައި ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ގާބިލް ބޭފުޅެކެވެ. އައްބާސް ފާއިޒަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އެސެކްސްގައި 2017 ވަނަ އަހަރުން ފެށިގެން ގާނޫނީ އިލްމުގެ ލެކްޗަރަރއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ދިވެހިންގެ ތެރޭގައި މާ ޤާބިލު މީހުން އެބަތިބި ތިކަމަށް. ބޮޑުޚަރަދުކޮށްގެން ބޭރު ކަރަކަރައިގެ މީހުން ގެންނާނެ ކަމެއްނެތް. ހެލިޗޮޕްޓަރ ދުއްވުމާއި ތިޔަކަން ދިވެހިންނަށްވުރެ ވަކީން ރަނގަޅަށް ކުރެވޭނެ އެހެން ބަޔަކު މަހިތުން ނުތިބޭނެ.